ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 05:44
ޖަރުމަނު ކޮޅަށް އޮސްޓްރިއާ އިން މެޗުގައި ދެ ވަނަ ލަނޑު ޖަހަނީ
ޖަރުމަނު ކޮޅަށް އޮސްޓްރިއާ އިން މެޗުގައި ދެ ވަނަ ލަނޑު ޖަހަނީ
ރޮއިޓާސް
ޖަރުމަނު ޤައުމީ ޓީމު
އޮސްޓްރިއާ އަތުން ވެސް ޖަރުމަނަށް ލަދުވެތި ބައްޔެއް!
 
އޮސްޓްރިއާގެ އާނެސްޓް ހަޕެލް ސްޓޭޑިއަންގައި ކުޅުނު މެޗުން ޖަރުމަނު ބަލިވީ 2-0 އިން

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލަދުވެތި ގޮތަކަށް ޖަރުމަނު ބަލިވެއްޖެ އެވެ.

ބުދަ ދުވަހު އޮސްޓްރިއާގެ އާނެސްޓް ހަޕެލް ސްޓޭޑިއަމްގައި ކުޅުނު މެޗުން ޖަރުމަނު ބަލިވީ 2-0 އިންނެވެ. މެޗު ފަށައިގެން ޖަރުމަނުން ލަނޑު ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، އޮސްޓްރިއާގެ ޑިފެންޑަރުންގެ ފަރާތުން ވަނީ ހުޝިޔާރުކަން ފެނިފަ އެވެ. މެޗުގައި ޖަރުމަނުން ރަނގަޅަށް ކުޅުނު ނަމަވެސް، އެ ޓީމަށް ލިބޭ ފުުރުސަތުތަކުގެ ބޭނުމެއް ނުހިފެ އެވެ. މެޗުގައި އޮސްޓްރިއާ އިން ލަނޑު ޖަހައި ލީޑު ނެގީ، ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މާސެލް ސަބިޓްޒާ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. 73 ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ ކްރިސްޓޮފް ބައުންގާޓްނާ އެވެ.

Advertisement

މިއީ ޖަރުމަނުގެ ޤައުމީ ޓީމާ އެ ޤައުމުގެ ހޫލިއަން ނާގަލްސްމަން ހަވާލުވި ފަހުން ކުޅުނު ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ހަމައެކަނި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ އެވެ، ތުރުކީ އަދި އޮސްޓްރިއާ އަތުން ވެސް ވަނީ ބަލިވެފަ އެވެ. ޖަރުމަނުގެ ކުރީގެ ކޯޗު މަގާމުން ވަކި ކުރުމަށްފަހު، އެ މަގާމަށް ނާގަލްސްމަން ހަމަޖެއްސީ ވެސް ޓީމުގެ ނަތީޖާތައް ދަށްވުމުން، ރަނގަޅު ކުރުމަށެވެ. ޚާއްސަކޮށް އަންނަ އަހަރު އަމިއްލަ ޤައުމުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ބޭނުންވާތީ އެވެ.

ނަމަވެސް، ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ވެސް މިހާތަނަށް ޖަރުމަނުގެ ނަތީޖާތައް ރަނގަޅު ވެފައި ނުވާތީ، އޭނާ އަށް ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެގޮތުން ޖަރުމަނުގެ މީޑިއާތަކުގެ ފާޑު ކިޔުން ވެސް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް