ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 05:31
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަހީދު
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަހީދު
އިމިގްރޭޝަން
އިމިގްރޭޝަން
ދިވެހިން އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތް ހަދައިފި
ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހޭ
އިމުގާ ފޯމު ތައާރަފު ކުރީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރި ކުރުމުގެ ގޮތުން 2020ގައި
ހޯމަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލު ކުރަން ވަނީ ފަށައިފައި

ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް 'ޓްރެވެލަރ ޑެކްލަރޭޝަން' ފޯމު ނުވަތަ އިމުގަ ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވައިފިއެވެ.

މިއީ ޝަމްއާން ކޮންޓްރޯލާ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ނިންމެވި އެންމެ ފުރަތަމަ ނިންމެވުމެވެ. މި ނިންމެވުމާއެކު ދިވެހިންނަށް، 20 ނޮވެމްބަރު 2023 އިން ފެށިގެން އިމުގާ ފޯމު ފުރިހަމަކުރަން ނުޖެހޭނެއެވެ.

އިމިގްރޭޝަނުން ބުނީ މި ބަދަލަކީ ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ގެނައި ބަދަލެއް ކަމަށެވެ.

އިމުގާ ފޯމު ތައާރަފު ކުރީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރި ކުރުމުގެ ގޮތުން 15 ޖުލައި 2020ގައެވެ. އެއަށްފަހު، 14 މާރިޗު 2021ގައި އެ ފޯމު ވަނީ އޮންލައިންކޮށް ފުރިހަމަކުރާ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމެއްގެ ގޮތުގައި ހަމަޖައްސައި 'ޓްރެވެލަރ ޑެކްލަރޭޝަން' ގެ ނަމަށް ބަދަލުކޮށްފައެވެ.

މި ފޯމު ރާއްޖެއަށް އަންނަ އަދި ފުރާ ކޮންމެ މީހަކު ވެސް ފުރިހަމަކުރަން ޖެހެއެވެ. ހޯމަ ދުވަހުން ފެށިގެން ގެނައި ބަދަލުތަކާއެކު ވެސް ރާއްޖެއަށް ޒިޔާރަތް ކުރާ އަދި ރާއްޖެއިން ފުރާ ބިދޭސީން ފޯމު ފުރިހަމަ ކުރަން ޖެހޭނެއެވެ.

އިމުގާ ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ނިންމެވީ އެ ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އެ މުއައްސަސާގެ ޚިދުމަތްތައް އަބަދުވެސް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށް ބުންޏެވެ.

- ކޮމެންޓް