ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 11:53
ސޯފިއާންގެ ކުރެހުންތައް ކުރަހަމުންދާ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުންވެސް އޭނާގެ މަސައްކަތަށް ތަޢުރީފުކުރޭ
ފަލަސްޠީނުގެ ވާހަކަތައް ކުރެހުންތަކުން
އެތައް މޭލެއް ދުރުން ޣައްޒާއަށްޓަކައި ސޯފިއާންގެ ވާހަކަތައް، ފަލަސްޠީނުގެ ކުލަތަކުން!
 
އޭނާވެސް ހުރީ ފަލަސްޠީނުގެ ޙައްޤުގައިކަން ސާބިތުކޮށް ދިނުމަށް ސޯފިއާން ފެށި ފަންނުވެރި މަޝްރޫޢުގައި، އިންޑޮނޭޝިއާގެ އެހެން ކުރެހުންތެރިންވެސް ބައިވެރިވާން ފެށި
 
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓާލުމަށް ގޮވާލާ ކުރެހުންތަކުން އިންޑޮނޭޝިއާގެ މަގުފާރުތަކުގައި މެސެޖުތައް ދޭން ފެށި

ކަމަކާ މެދު ތިބާ ދެކޭ ގޮތް އަނެކާއަށް އަންގައި ދިނުމަށްޓަކައި ކޮންމެ ފަހަރަކު، އަނގައިން ވާހަކަތަކެއް ދައްކާކަށް ނުޖެހެއެވެ. ހަޅުތާލު ކުރާކަށް ނުޖެހެއެވެ. މަގުތަކަށް ނުކުމެ، އިޖުތިހާދުތަކާއި މުޒާހަރާތައްވެސް ކުރިއަށް ގެންދާކަށް ނުޖެހެއެވެ. އެކަމުގެ އެންމެ ރީތި މިސާލު ދައްކައިދެމުން ދާ އެކަކީ އިންޑޮނޭޝިއާގެ ފަންނުވެރި ކުރެހުންތެރިޔާ އައިވާން ސޯފިއާންއެވެ.

ބޮޑެތި ކުރެހުންތައް ކުރެހުމުގެ ރޮނގުން  ކުރިއެރުންތައް ހޯދާފައިވާ ސޯފިއާން މިހާރު ކުރަމުން ދާ މަސައްކަތަކީ، އިންޑޮނޭޝިއާގެ ހުޅަނގު ޖާވާގެ ޑެޕޮކް ޕްރޮވިންސްގެ ހަލަބޮލި މަގަކަށް ވާ ގޮތަށް ހުރި ފާރެއްގައި ކުރެހުމުގެ މަސައްކަތެވެ. އެ ކުރެހުމުން ފެނިގެންދަނީ ކުޑަ ކުއްޖެއްގެ މޫނެވެ. އެ މޫނާ ގުޅުވާލާފައި ވަނީ، ޔަހޫދީ އިޒްރޭލުގެ މުއްދަށުލާފައި އޮތް ފަލަސްޠީނުގެ ޤައުމީ ދިދައިގެ ކުލަތަކެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން ޣައްޒާއަށް ޢަމާޒުކޮށްގެން  ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ފެނި، އެހެން އެންމެނެކޭވެސް އެއްފަދައިން، ސޯފިއާންވެސް ހުރީ ސިހުމެއްގައެވެ.

ޤަތުލުޢާންމުގެ މައިދާނާ އެތައް ސަތޭކަ މޭލެއް ދުރުގައި ދިރިއުޅެން ޖެހިފައި އޮތް އިރު، ޖަރީމާ ހުއްޓުވަން އޭނާއަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމުގެ އިޙްސާސް، ސޯފިއާންއަށް ކުރެވެން ފެށިއެވެ. ޚަބަރުތަކުން ފެންނަމުންދާ މަންޒަރުތައް ފެނި، މާޔޫސް ވާ ގޮތްވިއެވެ.

އަހަންނަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނެތް. މާ ދުރު ޤައުމެއްގަ، އަހަރެމެންނަށް ޓީވީއިން މި ފެންނަނީ ފަލަސްޠީނުގެ ރައްޔިތުން ޤަތުލުވަމުން ދާ މަންޒަރު. އެހީގެ އަތެއް ދިއްކޮށްލުން ފިޔަވާ އެހެން ކަމެއް ކޮށްދެވޭކަށް ނެތޭ ހިތަށް އަރަނީ. ދެން ހިތަށް އެރީ، މިކަމާ ދެކޮޅަށް އަހަރެން އުފުލަން ބޭނުންވާ އަޑުތައް މަގުމަތީގަ ފާޅު ކުރަން އެންމެ ރަނގަޅުވާނީ ކުރެހުންތަކެއްގެ ޒަރިއްޔާއިންނޭ. އަހަރެންވެސް މި ހުރީ ފަލަސްޠީނުގެ ރައްޔިތުންނާ އެކީގަ ކަން، މި ކުރެހުންތަކުން އަންގައިދެވިދާނެތާ.
އައިވާން ސޯފިއާން؛ ކުރެހުންތެރިއެއް

ކުރެހުމުގެ ތެރެއިން، ފަލަސްޠީނުގެ އަޑު، މުޅި ދުނިޔެއަށް އިއްވުމުގެ ޚިޔާލު އައީ އެހާ ހިސާބުންނެވެ. އޭނާވެސް ހުރީ ފަލަސްޠީނުގެ ޙައްޤުގައިކަން ސާބިތުކޮށް ދިނުމަށް ސޯފިއާންގެ ފެށި ފަންނުވެރި މަޝްރޫޢުގައި، އިންޑޮނޭޝިއާގެ އެހެން ކުރެހުންތެރިންވެސް ބައިވެރިވާން ފެށިއެވެ. ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓާލުމަށް ގޮވާލާ ކުރެހުންތަކުން އިންޑޮނޭޝިއާގެ މަގުފާރުތަކުގައި މެސެޖުތައް ދޭން ފެށިއެވެ.

މަގުމަތިން ދާ ބައެއް މީހުން، އަހަރެމެންގެ މަސައްކަތްތައް ފެނިގެން މަޑުކޮށްލާފަ، ވަރަށް ހިތްވަރު ދޭނެ. ކާބޯތަކެތިވެސް ގެނެސްދޭނެ. ގިނަ މީހުން ހަމަ ވަރަށް ޤަބޫލު މިކަމާ. އަހަރެމެންގެ މި ކުރެހުންތަކުގެ އަސްލު މަޤްޞަދަކީ، ޣައްޒާގަ ބޭނުން ޖެހިފަ ތިބި މީހުންނަށް ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދިނުން.
އައިވާން ސޯފިއާން؛ ކުރެހުންތެރިއެއް

ސޯފިއާންގެ ކުރެހުންތައް ކުރަހަމުންދާ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުންވެސް އޭނާގެ މަސައްކަތަށް ތަޢުރީފުކުރެއެވެ. އެކަމަށް ތަރުޚީބުވެސް ދެއެވެ.

އުންމީދަކީ، ފަލަސްޠީނު ރައްޔިތުންގެ ތަކުލީފުތައް ފެނި ހިތަށް މާ ބޮޑު އަސަރެއް ނުކޮށް ތިބި މީހުންގެ ހިތްތަކަށްވެސް، މި ކުރެހުންތަކުން ކޮންމެވެސް ކަހަލަ އަސަރެއް ކުރާ ގޮތް ވުން. އަސްލު މައްސަލައަށް، މިހާރަށްވުރެ ބޮޑަށް ލޯތައް ހުޅުވިގެން ދިއުން އުންމީދަކީ.
ސިއްތި ޢައިނުން؛ ހުޅަނގު ޖާވާގެ ރަށްވެއްސެއް

މިފަދަ ގޮތަކަށް މަސައްކަތްކޮށްގެން، ފަންނުވެރި ކުރެހުންތެރިންގެ މަސައްކަތުން، ޣައްޒާއަށް ފޯރުކޮށްދިނުމަށް މާލީ އެހީވެސް ހޯދިދާނެ ކަމަށް ސޯފިއާން ޤަބޫލު ކުރެއެވެ.

އަހަރެންގެ ޚިޔާލުގަ، މި ކުރެހުންތަކާ ހެދި ވާ އެއްވެސް އުނދަގުލެއް ނެތް. މިކަމުން އަންގައިދޭ އެބަ، އަހަރެމެންވެސް މި ތިބީ، އަނިޔާ ލިބެމުންދާފަލަސްޠީނުގެ ރައްޔިތުންނާ އެކީގަކަން... އަހަރެމެންނަކީ އެހެން ޤައުމެއްގެ ބަޔަކަށް ވިޔަސް.
ޒަހްވާ ޙާފިޛަތުލްއިސްލާމް؛ ދަރިވަރެއް

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ، ނޮވެމްބަރު 13 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވާފައި ވާ އިރު، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް އެމެރިކާއިން އިތުރަށް މަސައްކަތް ކުރުމަށް، ބައިޑަންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް