ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 10:44
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު
ރާއްޖެ އެމްވީ
ޢަބްދުﷲ ރާފިޢު (ކުޅިވަރު ވަޒީރު)
ރާފިއު: ބޭސްކޮށްދެއްވަމުން ކުޅިވަރުގެ އެންމެ އުހަށް ވަޑައިގެންނެވި ވަޒީރު!
 
ޤައުމީ ޓީމުތަކުގެ މެޑިކަލްގެ އެންމެހާ ކަންކަން ފުރިހަމަކަމާއެކު ލީޑު ކުރެއްވި، ޤައުމީ ކުޅުންތެރިންގެ ޑޮކްޓަރު

ޢަބްދުﷲ ރާފިޢު ނުވަތަ ރާއްޕެއޭ ބުނެފި ނަމަ، ދިވެހި ކުޅިވަރު އާއިލާގެ ކޮންމެ ފަރާތަކަށް ވެސް އެއީ ކޮން ބޭފުޅެއްކަން އެނގޭނެ އެވެ. އެއީ ކުޅިވަރުގެ ބޮޑު ޚިދުމަތްތެރި އެކެވެ. ޤައުމީ ކުޅިވަރު ޓީމުތަކުގެ، މުހިންމު އެއް ތަނބެވެ. ކުޅިވަރު ކުޅުންތެރިން ދަންނާނެ، ފަރިތަ މޫނެކެވެ. ނަމެކެވެ. މިއަދާ ހަމައަށް ވެސް އެ ބޭފުޅާގެ ޚިދުމަތް، އެންމެ ކުޑަ ކުޅިވަރުން ފެށިގެން، ބޮޑު ކުޅިވަރާ ހަމައަށް އޮންނާނެ އެވެ. ޤައުމީ ޓީމުތަކުގެ މެޑިކަލްގެ އެންމެހާ ކަންކަން ފުރިހަމަކަމާއެކު ލީޑު ކުރެއްވި، ޤައުމީ ކުޅުންތެރިންގެ ޑޮކްޓަރެވެ. މިއަދު، އެބޭފުޅާ އަކީ، ރާއްޖޭގެ ކުޅިވަރު ވަޒީރެވެ.

Advertisement

ދިވެހި ކުޅިވަރުގައި ރާފިޢު ފާހަގަވެފައި ވަނީ، ކުޅިވަރުގެ މަޤުބޫލު ޝަޚުސިއްޔަތެއްގެ ގޮތުގަ އެވެ. ރާފިޢު ވަނީ އިންޑިއާ އިން މެޑިކަލް ރިހެބިލިޓޭޝަން ދާއިރާ އިން މާސްޓަސް ޑިގްރީ ހާސިލު ކުރައްވައިފަ އެވެ. އޭގެ ފަހުން ކުޅިވަރު ކުލަބުތަކުން ފެށިގެން ގޮސް، ޤައުމީ ޓީމުތަކާ ހަމައަށް ރާފިޢުގެ ޚިދުމަތް ލިބުނެވެ. ރާފިއު އެންމެ ފުރަތަމަ ފެނުނީ ވީބީ ސްޕޯޓްސް ކުލަބުގެ މެޑިކަލް ޓީމުންނެވެ. އޭގެ ފަހުން އެ މަސައްކަތުގައި ރާފިޢު ވަނީ ގިނަ ގުނަ ކާމިޔާބީތަކެއް ހޯއްދަވައިފަ އެވެ.

ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުމެއްގައި މިހާރުގެ ކުޅިވަރު ވަޒީރު ރާފިޢު - އެފްއޭއެމް

ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ޑޮކްޓަރުގެ ޒިންމާ ވެސް ކާމިޔާބު ކަމާއެކު ރާފިޢު އަދާ ކުރެއްވި އެވެ. ޤައުމީ ޓީމުން 2014 ވަނަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕުގައި ލޯ މެޑަލް ހޯދިއިރު، އެ ޓީމުގެ ޑޮކްޓަރަކީ ރާފިޢު އެވެ. އޭގެ ފަހުން، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށް، ރަން މެޑަލް ހޯދި ތާރީޚީ ޓީމުގައި ވެސް ރާފިޢު ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ ތިން އަހަރު ފަހުން، 2021 ވަނަ އަހަރު ދިވެހިރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބޭއްވިއިރު، މުބާރާތަށް ޓީމު ތައްޔާރުވުމުގައި މެޑިކަލްގެ އެންމެހާ އިސް ޒިންމާއެއް ނެންގެވީ ރާފިޢު އެވެ. ރާއްޖޭގައި އޮތް މުބާރާތުގައި ޤައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުގެ ޝަަރަފުވެރި ޒިންމާ ވެސް، ކުޅަދާނަކަމާއެކު އަދާކުރެއްވި އެވެ.

ރާފިޢުގެ ޚިދުމަތް ލިބުނީ ހަމައެކަނި ފުޓުބޯޅަ ޓީމަކަށް ނޫނެވެ. ފުޓުބޯޅައިގެ އިތުރުން، އެހެނިހެން ކުޅިވަރުތަކަށް ވެސް ރާފިއުގެ ޚިދުމަތް ލިބުނެވެ. އެގޮތުން، 2015 ވަނަ އަހަރާއި، 2019 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ރާއްޖެ އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރިއިރު، ރާއްޖޭގެ މެޑިކަލް ޓީމުގެ އެންމެ އިސް ފަރާތަކީ ރާފިޢު އެވެ. ހަމައެއާއެކު، މިދިޔަ އަހަރު ކުރިއަށް ދިޔަ ކޮމަންވެލްތު ގޭމްސްގެ އިތުރުން، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް މެޑިކަލްގެ އެންމެ ފަރާތެއްގެ މަސައްކަތް ކުރެއްވީ ރާފިޢު އެވެ.

މިހާރުގެ ކުޅިވަރު ވަޒީރު ރާފިޢު، އަދި އޮލިމްޕިކް ކޮމެޓީގެ ރައީސް - އެމްއޯސީ

ރާފިޢުގެ ޚިދުމަތް ދިވެހި ކުޅިވަރު އާއިލާ އިން ވެސް ވަޒަންކުރެ އެވެ. ކުޅިވަރުގެ އެންމެހާ ފަރާތްތަކުގެ ލޯތްބާއި، އިޙުތިރާމް ރާފިޢު ވަނީ ހޯއްދަވައިފަ އެވެ. ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަލަށް ތަޢާރަފު ކުރި، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްްގެ ދެ އަހަރުގެ ވެސް، އެންމެ މޮޅު ސްޕޯޓްސް މެޑިިކުގެ މަޤާމު ލިބިވަޑައިގެންނެވީ ރާފިޢު އަށެވެ.

މިއަދު، ރާފިޢު އަކީ ދިވެހި ކުޅިވަރުގެ އެންމެ އިސް ފަރާތެވެ. މެޑިކަލްގެ ޒިންމާ އިން ފެށި މަސައްކަތުގައި، މިއަދު އެ ހުންނެވީ ރާއްޖޭގެ ކުޅިވަރު ވަޒީރުގެ މަޤާމުގަ އެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އުފެއްދެވި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަގާމު ހަވާލު ކުރެއްވީ ރާފިޢުއާ އެވެ. އެ މަސައްކަތުގައި ރާފިޢު ނަތީޖާ ނެރެދެއްވާނެ ކަމާމެދު، ކުޅިވަރުގެ އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ. އެ މަޤާމާ ރާފިޢު ހަވާލުވެވަޑައިގެންނެވީ ވެސް، ދިވެހި ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ މަތިވެރި ޢަޒުމުގަ އެވެ. ޤައުމީ ފެންވަރުން، ބައިނަލްއަޤުވާމީ ފެންވަރަށް ދިވެހި ކުޅިވަރު ވިދުވާލުމަށެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު، ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގެ ތެރެއިން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކުޅިވަރު ވަޒީރު ކަމުގައި ރާފިޢު ޙާސިލު ކުރައްވަން ބޭނުންފުޅުވާ ބައިވަރު ލަނޑުދަނޑިތަކެއް އެބަ ހުއްޓެވެ. ރާފިޢު ދެކިވަޑައިގަންނަވާ ގޮތުގައި، ކުޅިވަރަށް ޚާއްސަކޮށްގެން ވުޒާރާ ބަދަލުކުރީ ވެސް، ވަރަށް ގިނަ ކަންތައްތަކެއް ޙާސިލު ކުރުމުގެ ނިޔަތުގަ އެވެ. ވަކި ޢުސޫލެއްގެ ދަށުން ދިވެހި ކުޅިވަރު ކުރިއަށް ގެންގޮސް، ދިވެހި އެތުލީޓުންގެ ހުނަރުތައް އިތުރަށް ތަރައްޤީ ކުރުމަށް ރާފިޢު އިސްކަން ދެއްވާނެ އެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި، ޚާއްސަކޮށް ރާއްޖެ ހިމެނޭ އޭޝިއާ ސަރަހައްދުން މެޑަލް ކާމިޔާބު ކުރެވޭ ބަޔަކަށް ދިވެހި އެތުލީޓުން ހެދުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ އެވެ.

ކުޅިވަރުގެ މަސައްކަތް ރާފިޢު ކުރިއަށް ގެންދަވަން ބޭނުންވަނީ، ހުރިހާ ފަރާތްތަކާ ވެސް ގުޅިގެން، އެންމެން އެކުވެގެން ކުރެވޭ މަސައްކަތެއްގެ ގޮތުގަ އެވެ. ޓީމެއްގެ ގޮތުގައި ކުރިއަށް ގޮސް، ދިވެހި ކުޅިވަރު މިހާރު އޮތް ހަރުފަތުން، އެހެން ހަރުފަތަކަށް ގެންދަން ރާފިޢު ވަރަށް ބޮޑަށް ބޭނުންފުޅު ވެވަޑައިގަންނަވައެވެ. އެ މަސައްކަތުގައި ކާމިޔާބީ އަށް ވާސިލުވެވޭނެ ކަމުގެ ކުޑަ ވެސް ޝައްކެއް ރާފިޢު އަށް ނެތެވެ. ކުޅިވަރުގެ އެންމެ އިސް ފަރާތުގެ ޙައިސިއްޔަތުން، ރާފިޢު ހުންނެވީ އެ ޔަގީންކަމާއެކު އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް