ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 19:25
ރައީސް މުއިއްޒުއާއި ރައީސް ޔާމީން
ރައީސް މުއިއްޒުއާއި ރައީސް ޔާމީން
ރާއްޖެއެމްވީ
މަގޭރިޕޯޓް
އަތްޕުޅުގައި ހިއްޕަވައިގެން ވަޑައެއްނުގެންނެވުނު، ފުރަތަމަ ދުވަހުން މިނިވަނެއްވެސް ނުކުރެއްވުނު!
 
ހުވާކުރެއްވުމުގެ ޖަލްސާގައި ރައީސް މުއިއްޒު ދެއްވި ތަގުރީރުގައި، ރައީސް ޔާމީނުގެ ނަންފުޅެއް ނުގެންނަވާ
 
ރަށްތަކުގައި ހުރި ޕޯސްޓަރުތަކުގައި އެންމެ ބޮޑުކޮށް ފެންނަންހުރީ ރައީސް ޔާމީނު
 
ރައީސް މުއިއްޒުގެ ކެމްޕޭނުގެ ކޮންމެ ޖަލްސާއެއްގެ އެންމެ ކުރީ ސީޓުގައި ރައީސް ޔާމީނަށް ޚާއްސަ ގޮނޑިކޮޅެއް ހުރޭ

ރައީސް ޔާމީނެވެ. ވެރިކަމުގެ ބާރުތައް ލިބިވަޑައިގަންނަވާ އެންމެ ފުރަތަމަ ދުވަހުން އެމަނިކުފާނު މިނިވަންކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުންތަކެވެ. ރައީސް މުއިއްޒު ހުވާކުރައްވާ ޖަލްސާއަށް ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން ކަމުގައި ވިދާޅުވެ، އޭރުގެ ޕާޓީގެ މެމްބަރުން ގެންގުޅުއްވި ފޮނި އުންމީދުތަކެވެ. ފޮނި ހުވަފެންތަކެވެ. މިއަދު އެ މަންޒަރާއި އަޑު މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ. ކަން މިވަނީ ކިހިނެއް ހެއްޔެވެ؟

މިއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅުތަކެވެ. ދެއްކެވި ފޮނި މަންޒަރުތަކެވެ. ކެމްޕޭނު ފެށިގެން ގޮސް، ދެވަނަ ބުރުގެ ނަތީޖާ އިއުލާންކުރައްވަންދެން ދެއްކެވީ އެ މަންޒަރެވެ. ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން، ރައީސް މުއިއްޒުގެ އެ ވާހަކަފުޅުތަކުގެ ދަޅައިގައި ވަރަށް ރަނގަޅަށް ޖެހުނެވެ. އެހެން ނުވާނެ ސަބަބެއް ނެތްތާއެވެ. ރައީސް މުއިއްޒުގެ ކެމްޕޭނުގެ ކޮންމެ ޖަލްސާއެއްގެ އެންމެ ކުރީ ސީޓުގެ، މެދުގައި ރައީސް ޔާމީނަށް ޚާއްސަ ގޮނޑިކޮޅެއް ހުހަށް ހުރެއެވެ. ވާހަކަ ދައްކަވާ ގިނަ ޖަލްސާތަކުގައި ރައީސް ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށް ވިދާޅުވެއެވެ.

އަދި އެވަރުން ފުދުނީއެއް ނޫނެވެ. އިންތިޚާބުގެ ކޮންމެ ޕޯސްޓަރެއްގައިވެސް ރައީސް ޔާމީނުގެ ފޮޓޯފުޅު ހުރެއެވެ. ވެރިރަށް މާލެއާއެކު، ބައެއް ރަށްރަށުގައި ހުރި ޕޯސްޓަރުތަކުގައި އެންމެ ބޮޑުކޮށް ފެންނަންހުރީ ރައީސް ޔާމީނެވެ. އޭގެ ފަހަތުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު، އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އަނެއްކޮޅުން ބައެއް ޕޯސްޓަރުތަކުން ފެންނަނީ ރައީސް ޔާމީން ގިނިކަންޏާއެވެ. އެފަދަ ޕޯސްޓަރުތަކުގައި ރައީސް މުއިއްޒާއި ނައިބު ރައީސްގެ ހުރީ ނަންފުޅު އެކަންޏެވެ.

އެހާވަރު ވީމައި، ދެން ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުން، އިބިލީހުގެ ކައިވެންޏަށް ވެދާނެކަމަށް ހީކުރާނެ މީހަކު ނުހުންނާނެތާއެވެ. ހަނދާނުގައި ނެތްނަމަ ބުނެލަދޭނަމެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބޭއްވި ވޯޓަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވައި ވެސް އެންމެ ފުރަތަމަވެސް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށެވެ.

Advertisement

އެއީވެސް ވެރިކަމުގެ ފުރަތަމަ ދުވަހުގެ، ފުރަތަމަ ކަމެއްގެ ގޮތުންނެވެ. އެއް ދުވަސް ފާއިތުވެގެން ދިޔައިރު، އެކަން އެއޮއްގެން އޮޔާ ދަނީއެވެ. ރައީސް ޔާމީނުގެ އަތްޕުޅުގައި ހިއްޕަވައިގެން ޑރ. މުއިއްޒު ހުވާކުރެއްވުމަށް ވަޑައިގަންނަވާނެ ކަމަށް، ރައީސް ޔާމީނުގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޖަމީލު ފުވައްމުލަކުގެ ކެމްޕޭނު ޖަލްސާއެއްގައި ވިދާޅުވިނަމަވެސް، އެކަމެއްވެސް އެހެން ނުހިނގިއެވެ.

އެއީވެސް މިއަދުގެ މަންޒަރެވެ. އަނެއް މަންޒަރަށް ބަލާލަމާ ހިނގާށެވެ. ރައީސް މުއިއްޒު އިންތިޚާބުން ކާމިޔާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ސޯޝަލް ސެންޓަރުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް ރައީސް ޔާމީނުގެ ނަންފުޅު ގެންނެވިއެއްކަމަކު، އެމަނިކުފާނަށް ޝުކުރު އަދައެއްނުކުރައްވައެވެ. އެކަން ތަކުރާރުވީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމުގެ ޖަލްސާގައެވެ.

ހުވާކުރެއްވުމުގެ ޖަލްސާގައި ރައީސް މުއިއްޒު ދެއްވި ތަގުރީރަކީ ރީތި، އަދި މާނަފުން ތަގުރީރެކެވެ. އެކަމަކު އެ ރީތި ތަގުރީރުގައި ރައީސް ޔާމީނުގެ ނަންފުޅެއް އަޑެއް ނީވުނެވެ. ކުޑަމިނުން އެމަނިކުފާނަށް ޝުކުރު އަދައެއް ނުކުރައްވައެވެ. ރައީސް ޔާމީނުގެ ފޮޓޯފުޅުގެ ނިވަލުގައި، އެމަނިކުފާނާ އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދާއެކު ވެރިކަމަށް އިންތިޚާބުވެވަޑައިގަތުމުން، ޝުކުރުގެ ބަސްކޮޅެއް ރައީސް މުއިއްޒުގެ އަރިހުން ނީވުމަކީ ދެރަ ކަމެކެވެ. މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ޔާމީނަށް ހުސް ގޮނޑިއެއް ނުހުރިނަމަވެސް، ތަގުރީރުގައި ޝުކުރު އަދާކުރެއްވިނަމަ، ރައީސް ޔާމީނުގެ ހިތްޕުޅަށްވެސް ކުޑަނަމަވެސް ތަސައްލީއެއް ލިބުނީސްތާއެވެ.

މީހުން އެނގޭނީ އެއް އޮޑިން ދަތުރުކޮށްލީމައޭ މީހުން ބުނެއުޅެނީ މިހެންވެތާއެވެ. ގޮތާއި ފޮތް ރަނގަޅަށް އެނގޭނީ އެއްކޮށް މަސައްކަތް ކޮށްލީމާތާއެވެ. ރައީސް މުއިއްޒުގެ ވެރިކަން ފެށިގެން އައިއިރު ފެނުނީ، އެމަނިކުފާނަށް ތާއީދުކުރެއްވި ރައީސް ޔާމީނުގެ ސަޕޯޓަރުން އެންމެ ގަޔާވާނެފަދަ މަންޒަރެއް ނޫނެވެ.

Advertisement
ކޮމެންޓް
20 ނޮވެންބަރ 2023 | ހޯމަ 08:30
ގަޑިބުރު
އޭ މިހިރަ ގަޑިބުރާއެވެ. ތިބާ އަލުންބަލުން ފައްޅިއެއްގެ ސިފަ ނުޖެހެއްޗެވެ. ކުރިންވެސް ތިބާ ތަޅާލީ އެސިފަ ޖެހުނީމައެވެ.