ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 12:54
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ޑރ.މުއިއްޒު ހުވާ ކުރެއްވި ރަސްމިއްޔާތު
ރަސްމިއްޔާތުން ވެސް، ތަގުރީރުން ވެސް ހާމަވީ ކުރީގެ ރައީސް ސާލިހަށް އިހްްތިރާމެއް ނެތްކަން!
 
މިސާލު ދެއްކުމުގެ ގޮތުން މަތިފަޑިން ވެސް އެ ނަމޫނާ ދައްކަން ޖެހޭ
 
ކުރީގެ ރައީސް ސާލިހު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވިއިރު އެކަން އިއުލާންކޮށްފައިނުވޭ
 
ޝުކުރުގެ ބަހެއް އަދާކޮށްފައިނުވޭ

އަބަދުވެސް ދައްކަމުން ދާ އެއްވާހަކައަކީ އޯގާތެރިކަމާއި، އަޅާލުމާއި، ހިތްހެޔޮކަމުގެ އިތުރުން އެހެން މީހުންނަށް ރަނގަޅު މިސާލު ދައްކާ ވާހަކަތަކެކެވެ. އަންނަން އޮތް ޖީލުތަކަށް ނަމޫނާ ދައްކައި، ނަފްރަތާއި، ރުޅިވެރިކަން ދޫކޮށްލާ ވާހަކަތަކެވެ. ކަންކަމުގައި ޒާތީނުވެ ބިނާކުރަނިވި ފާޑު ކިޔަން ހިތްވަރު ދިނުމަށާއި، އާޑަ ކިޔުމުން ދުރިހެލިވުމަށް އެންމެން ވެސް ނަސޭހަތްތެރިވެއެވެ. އެގޮތުން މިމަހުގެ 17 ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބް ކުރައްވާ ދެއްވި ތަޤްރީރުގައި ވެސް ވަރަށް ބޮޑަށް އޯޯގާތެރިކަމާއި، މިނިވަންކަމާއި، މަސްލަހަތަށް އަލިއަޅުއްވާލައްވާފައިވެއެވެ. ގިނަ ބަޔަކު އެމަނިކުފާނުގެ މިތަގުރީރަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންދާއިރު، އެމަނިކުފާނުގެ މިތަގުރީރަކީ ބަސްމޮށުންތެރިކަމުން މޮޅު، ލިޔުންތެރިކަމުގެ ގޮތުން ފަށުވި، އެމުނިއެތުރުމުގެ ގޮތުން ރީތި، ގަމިއްޔަތާއި ގައުމިިއްޔަތުގެ ބަސްތަކާއި ވަރަށް ބޮޑަށް އެކުލަވާލާފައިވާ ގައުމީ ތަގުރީރެކެވެ. ނަމަވެސް އަނެއްބައި މީހުން ބުނަމުން ދަނީ ތަގުރީރު މޮޅުނަމަވެސް ޖުމްލަތަކުގެ މާނައިގައި އޯގާތެރިކަމެއް ނެތް ވާހަކައެވެ.

Advertisement
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ފަހަރުގައި ބައެއް މީހުންނަށް އެ ބުނަނީ ކީކޭކަން ފަހުމްވުމަށް އުނދަގޫވެދާނެއެވެ. ނަމަވެސް މުޅި ރަސްމިއްޔާތުން ވެސް އެކަން މިވަނީ ފެނިގެން ގޮސްފައެވެ. އެއީ މުޅި ތަގުރީރު ނިންމާލެއްވިއިރު، ކުރީ ސަރުކާރަށް ޝުކުރުގެ ބަހެއް އަދާކޮށްފައިނުވާތީއެވެ. ނަމަވެސް ކުރީ ސަރުކާރުގެ ސަބަބުން ބޮޑު އަދަވަޅަކަށް ގައުމު ވެއްޓިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވެފައިވާ ކަމަށް ހަރުއަޑުކޮށް ވިދާޅުވެފައިވެއެވެ. ތެދެކެވެ. އިގްތިސާދީ ގޮތުން ގައުމު ދަރަނި ބޮޑުވި ނަމަވެސް ކޮވިޑް-19ގެ ހާލަތުގައި ރާއްޖެ ކުރިއަރައިގެންއައިގޮތުން ދުނިޔޭގެ އެކިގައުމުތަކުން ތައުރީފް ވެސް ކުރިއެވެ. ނަމަވެސް އެކަން ހަދުމަފުޅެއް ނެތެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބު 2023 ނިމި، މިދިޔަ ޓްރާންސިޝަން މަރުހަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ ޑިމޮކްރަސީގެ ރީތި ނަމޫނާއެވެ. އައު ރައީސްގެ ހުވާ ކުރައްވާ ރަސްމިއްޔާތުގެ ދައުވަތު ގަބޫލުފުޅު ކުރައްވައި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް ރާއްޖޭގައި 5 އަހަރު ވެރިކަން ކުރެއްވި ބޭފުޅަކަށް ލިބިވަޑައިގަންނަވަންޖެހޭ އިހުތިރާމު މި ރަސްމިއްޔާތުން ލިބިލެއްވިތޯ މިއީ އުފެދޭ ސުވާލެއް ނުންތޯއެވެ.

ކުރީގެ ރައީސް ސާލިހު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވީ ރައީސް މުއިއްޒު ވަޑައިގަތުމުގެ ކުރިންނެވެ. ކުރީގެ ރައީސް ސާލިހު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވިއިރު އެ ރަސްމިއްޔާތުގައި ގިނަ ބަޔަކު އިށީނދެ ތިއްބެވެ. އެމަނިކުފާނު ޖުމްހޫރީ މައިދާނުގައި ވަޑައިގެން، ރައީސް މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތް ސަރަހައްދަށް ހިންގަވާފައި ވަޑައިގެންނެވި ވަގުތު އެކަން އިއުލާންކޮށްފައިނުވާތީ، އެކަން ގިނަ ބަޔަކަށް ނޭނގެއެވެ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނަށް ވެސް އެމަނިކުފާނު ފެނިވަޑައިގަންނަވަނީ ކުއްލި އަކަށެވެ. އެމަނިކުފާނަށް އިހްތިރާމް އަދާ ކުރެއްވުމުގެ ގޮތުން ގައްސާން ކޮއްޅަށް ތެދުވެވަޑައިގެންނެވި މަންޒަރު ގިނަ ބަޔަކަށްކަމު ދިޔައެވެ. ތައުރީފްގެ ބަސްތައް މިހާރު ދަނީ އޮހެމުންނެވެ. ނަމަވެސް މިފަދަ ބޮޑެތި ރަސްމިއްޔާތުގައިތަކުގައި ގައުމުގެ ވެރިންނާއި، ވެރިކަން ކުރެއްވި ބޭފުޅުން ވަޑައިގަންނަވާއިރު އެކަން އިއުލާންކޮށް، އެބޭފުޅަކަށް ވަރަށް ފުރިހަމައަށް އިހުތިރާމް އަދާކުރެއެވެ.

މިއީ މިފަދަ ބޮޑު ރަސްމިއްޔާތެއްގައި މިކަންކަން ހިނގަންޖެހޭނެ ގޮތެއް ނޫނެވެ. ބޮޑު ހޭދައެއްކުރި މިރަސްމިއްޔާތުގެ އިންތިޒާމްތައް މިއަށްވުރެ ފުރިހަމަވާންޖެހޭނެއެވެ. މީގެ އިތުރުން އަންނަން އޮތް ޖީލުތަކަށް ރީތި މިސާލު ދެއްކުމަށް ގޮވާލުމުން އެކަނި ނުފުދެއެވެ. މިސާލު ދެއްކުމުގެ ގޮތުން މަތިފަޑިން ވެސް އެ ނަމޫނާ ދައްކަން ޖެހެއެވެ. ބަސްފުޅުގައި އޯގާތެރިކަން ހުންނަންޖެހެއެވެ. ފުރަތަމަ ތަގުރީރުގައި ޝުކުރުގެ ބަހެއް އަދާނުކުރައްވައި، ބަހުގެ ހަމަލާތަކުން އެއްފަޅިއަށް ވާހަކަފުޅު ދެއްކުމަކީ ރީތި ނަމޫނާއެއް ނޫނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
4%
4%
8%
4%
11%
70%
ކޮމެންޓް