ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 09:54
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ ކޮލިފިކޭޝަން 2024
ނޯތު މަސަޑޯނިއާ ބަލިކޮށް، އިޓަލީ އުންމީދުގައި
 
ގްރޫޕް ސީ އިން ދެ ވަނައިގައި ކޮލިފައި ވާނެ ޓީމެއް ކަށަވަރު ވަނީ އިޓަލީ އަދި ޔުކްރެއިން ބައްދަލު ކުރާ މެޗުން

ޔޫރޯ ކޮލިފިކޭޝަންގައި ނޯތު މަސަޑޯނިއާ ބަލިކޮށް، އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކޮލިފައިވުމުގެ އުންމީދު އިޓަލީން ދަމަހައްޓައިފި އެވެ.

ހުކުރު ދުވަހުގެ ރޭ، ނޯތު މަސަޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް އިޓަލީން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޖިއާކޮމޯ ރަސްޕަޑޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިޓަލީ އަށް ލީޑު ނަގައިދިނީ މަތެއޯ ޑާމިއަން އެވެ. އޭގެ ފަހުން 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ޖޯޖީނިއޯ އަށް ކާމިޔާބެއް ނުކުރެވުނެވެ. އިޓަލީގެ ދެ ވަނަ ލަނޑު 41 ވަނަ މިނެޓުގައި ޖެހީ ފެޑެރިކޯ ޗިއެސާ އެވެ. އެ ލަނޑު އޭނާ ޖެހީ ނިކޮލޯ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޮމެނިކޯ ބެރާޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިޓަލީގެ ތިން ވަނަ ލަނޑު ޖެހީ ވެސް ޗިއެސާ އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ނޯތު މަސަޑޯނިއާގެ ޖާނީ އަޓަނަސޯ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން 74 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ވެސް އޭނާ އެވެ. އިޓަލީގެ ހަތަރު ވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖެހީ ރަސްޕަޑޯރީ އެވެ. އެ ޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ސްޓެފަން އެލް ޝާރަވީ އެވެ.

މޮޅާއެކު އިޓަލީ އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޔުކްރެއިން އަށް ވެސް ލިބެނީ 13 ޕޮއިންޓެވެ. ކޮލިފިކޭޝަންގައި ދެން އޮންނާނީ ވެސް މި ދެ ޓީމު ބައްދަލު ކުރާ މެޗެވެ. މި ދެ ޓީމު ހިމެނޭ ގްރޫޕް ސީ އިން މިހާތަނަށް ކޮލިފައިވެފައި ވަނީ އިންގްލެންޑެވެ. ދެ ވަނައިގައި ކޮލިފައި ވާނެ ޓީމެއް ކަށަވަރު ވަނީ އިޓަލީ އަދި ޔުކްރެއިން ބައްދަލު ކުރާ މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް