އީފާސް ބޭނުންކުރާ ޖުމްލަ މީހުންގެ އަދަދު އެއްލައްކަ ނުވަދިހަ ފަސް ހާހަށް އަރާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ޝަރީފު ވިދާޅުވީ އީފާސްއަކީ އުންމީދު ކުރި މިންވަރާ ހިސާބަށް ގެންދެވުނު މަސައްކަތެއް ކަމަށެވެ.
އެގޮތުން ގެދޮރުވެރި ޕޯޓަލަށް ވަނުމަށް އެއްލައްކަ ފަންސާސް ތިން ހާހަށް ވުރެން ގިނަ މީހުން މިދިޔަ މަހު އީފާސް އެޕްލިކޭޝަން ބޭނުންކޮށްފައިވާ ކަމަށާއި ކޮންމެ މަހެއްގެ މައްޗަށް ލައްކައެއްހާ މީހުން އީފާސް ބޭނުންކުރާ ކަމަށް ވިދާޅުވިއެވެ. އަދި އީފާސްގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު ނުވަދިހަ އެއްހާހަށް އަރާ ކަމަށް ވެސް ވިދާޅުވިއެެވެ.
ކޮންމެ މަހަކު ބައި މިލިއަން ފަހަރު އީފާސް އާންމުން ބޭނުންކުރާކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ ވަރަށް އީފާސް މެދުވެރިކޮށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔަކަށް ހިދުމަތް ދިނުމުގެ ފުރުސަތު ފަހިވެގެންދިޔަ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންކަން އަންގައިދޭ ކާޑު އީފާސް މެދުވެރިކޮށް ފެންނަގޮތަށް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެކަމުގެ ޓެސްޓް މަރުހަލާ ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ތަސައްވަރަކީ އޯޓީޕީ ޖަަހަން ނުޖެހޭ ހިސާބަަށް ދިޔުން ކަމަށާއި އީފާސް އެޕް ބޭނުންކުރުމުން އޯޓީޕީ ޖަހަން ޖެހޭ ފަހަރު މަދުވާނެ ކަމަށެވެ. އަދި އިލްތިމާސްއަކީ އޯޓީޕީން ދުރަށް ދިޔުން ކަމަށް ވެސް ވިދާޅުވިއެވެ.
2012 ވަނަ އަހަރު ބޭނުންކުރަން ފެށި އީފާސްގެ ޚިދުމަތަށް 10 އަހަރު މިވަނީ ވެފައެވެ. މި ޚިދުމަތަށް މީގެ ކުރިން ނުގެންނަހާ ބޮޑެތި ކުރިއެރުންތައް ވޭތުވެދިޔަ 5 އަހަރުތެރޭގައި ވަނީ ގެނެސްފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ދައުލަތުގެ މުއައްސަސާތަކުގެ އޮފީސްތަކަށް ހާޒިރުވެގެން ހޯދަންޖެހޭ އެތައް ޚިދުމަތެއް މިހާރު އީފާސް ނިޒާމުގެ ތެރެއިން ދޭން ފެށުމެވެ.
އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ. މިއީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.