ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސައިން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކޮށްފިއެވެ.
އޭނާ މީގެ ކުރިން ހުންނެވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުގެ މަޤާމުގައެވެ. އެ މަޤާމުން އިސްތިޢުފާދެއްވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
ހއ.އިހަވަންދޫ، އަންބަރީގެ، މާނިއު ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ކޮމިޝަނަށް ލަފާދޭ ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށް ފަހު، ކޮމިޝަނަށް ދީފައިވާ ލަފައާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކޮމިޝަނުން 05 ނޮވެންބަރު 2023ގައި ކޮށްފައިވާ އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަނީ ލަފާ އަރުވާފައެވެ. އޭނާ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމާފައި ވަނީ 15 ނޮވެންބަރު 2023 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ 74 ވަނަ ބައްދަލުވުމުގައެވެ.
އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗެލަރސް ޑިގްރީ ޙާސިލްކުރައްވާ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
2013 ވަނަ އަހަރުން ފެށިގެން ވަކީލުކަމުގެ ވަޒީފާ އަދާކުރައްވާފައިވާއިރު ޝަރުޢީ ދާއިރާގައި 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ.