ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 14:39
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ޓެރަރިޒަމްގެ މައްސަލަތައް
ޓެރަރިޒަމް: މައްސަލަ ލަސްވާތީ ދައުލަތުގެ ކަންބޮޑުވުން
 
މައްސަލައާ ގުޅޭގޮތުން މުވައްކިލާ ދައްކަންޖެހޭ ވާހަކަތައްވެސް އެބަހުރިކަމަށް ދިފާއީ ވަކީލު ވިދާޅުވި
 
ދިފާއުން ބުނެފައިވަނީ ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ވަގުތު ބޭނުންވާކަމަށް

ރ މަޑުއްވަރީ ސައީދާމަންޒިލް އަހުމަދު އިސާމްއާއި ރ މަޑުއްވަރީ ބްލޫސްޓަރ ހުސައިން ޝަރީފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް ގިނަ ދުވަސްތަކެއްވެ، މައްސަލަ ލަސްވަމުންދާތީ ދައުލަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ތާވަލު ކޮށްފައިވަނީ އިސާމްގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމާއި، ދައުވާލިބޭ ދެފަރާތުން ހެކި ހާމަ ކުރުމެވެ.

އިސާމްގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މިއީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެ އަދަބެއްކަން ދައުލަތުން ފާހަގަކުރިއެވެ.

ދައުވާއާ ގުޅޭގޮތުން ދިފާއުން ބުނެފައިވަނީ ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ. އެގޮތުން މި މައްސަލައާ ގުޅޭގޮތުން މުވައްކިލާ ދައްކަންޖެހޭ ވާހަކަތައްވެސް އެބަހުރިކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއީ ގިނަ ދުވަސްތަކެއްވެފައިވާ މައްސަލައެއްކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވަނީ މައްސަލަ ލަސްވުމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން ދެވަނަ ފަހަރަށް މައްސަލަ ހުށައެޅުނު ފަހުންވެސް، 3 އަހަރު ފާއިތުވެގެންދާކަން ދައުލަތުން ފާހަގަކުރިއެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މި މައްސަލަ ކޯޓަށް ހުށައެޅުނު ފަހުންވެސް ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ. ގާޒީ ވަނީ ލިއެކިޔުންތައް ދިރާސާކޮށް، ދައުވާއަށް ޖަވާބުދާރީވުމަށް އިސާމްގެ ވަކީލަށް ފަހު ފުުރުސަތެއް ދެއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އާމިނަތު އަޒްލިފާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް