އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުން މަޖިލީހުގެ ސަރަހައްދަށް ގިނަ ބަޔަކުއެއްވެ އަޑު އުފުލައިފިއެވެ.
ބުދަ ދުވަހު ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް ގޮވާލައި ގިނަ އަދަދެއްގެ ބަޔަކު ރައްޔިތުން މަޖިލިސް ކައިރިއަށް އެއްވެ އަޑު އުފުލާފައެވެ. އެއްވުމުގެ ބައިވެރިން ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭނެގޮތަށް ވަގުތުން މަޖިލީހަށް ޤަރާރެއް ހުށަހެޅުމަށް ގޮވާލާފައެވެ. މިމައްސަލާގައި އަވަހަށް ގޮތެއް ނިންމުމަށް ވެސް ގޮވާލާފައިވެއެވެ.
މި އެއްވުމުގެ ބައިވެރިންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެއްވުމުގެ ބައިވެރިންނާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވެސް ވަނީ ބައްދަލުކުރައްވާފައެވެ. ބައިވެރިންނާއި ވާހަކަދައްކަމުން މަޖިލިހުގެ ރައީސް އަސްލަމް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އުދުވާންތަކާ ގުޅިގެން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި މަޖިލިހަށް ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް ގޮވާލަމުންދާއިރު، އެކަމަށް ޚާއްސަ ޕެޓިޝަނެއްގައިވެސް ދަނީ ސޮއިކުރަމުންނެވެ.
![](https://dyncz33htw1ec.cloudfront.net/posts/a6a32d92-e56f-4133-844c-2eb060662a18.png)
މީގެ އިތުރުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނަށް އެހީވުމަށް ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެއްވުންތައް ބާއްވައި، ފަންޑް ރެއިސްކުރުމަށް ވެސް ގިނަ ހަރަކާތްތަކެއް މިހާތަނަށް އައިރު އެކި ޖަމިއްޔާ ޖަމާއަތްތަކުން ހިންގާފައިވެއެވެ.
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ހަމަލާދޭން ފަށާފައިވަނީ 07 އޮކްޓޫބަރު 2023 ގައެވެ. އޭގެފަހުން މެދުކެނޑުމެއްނެތި ދަނީ ހަމަލާތައް ދެމުންނެވެ. ހޮސްޕިޓަލްތައް ހިމެނޭހެން ހަމަލާތައް ދެމުންދާއިރު، މިހާތަނަށް އައިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވަނީ ޝަހީދުވެފައެވެ.