އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީގެ ކޯޗަކަށް އެ ޓީމުގެ ކުރީގެ ކޯޗު ވޯލްޓާ މަޒާރީ ހަމަޖައްސައިފި އެވެ.
އުމުރުން 62 އަހަރުގެ މަޒާރީ ދެ ވަނަ ފަހަރަށް ނަޕޯލީގެ ކޯޗުކަމާ ހަވާލުވީ، ކުރިން އެ މަގާމުގައި ހުރި ފްރާންސްގެ ރޫޑީ ގާސިއާ ވަކި ކުރުމަށްފަހު އެވެ. ނަޕޯލީން ވަނީ އެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
މަޒާރީ އެންމެ ފަހުން ހުރީ އިޓަލީގެ ކަގްލިއާރީގެ ކޯޗުކަމުގަ އެވެ. އެ މަގާމުން އޭނާ ވަކި ކުރީ މިދޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މަޒާރީ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ. މީގެ ކުރިން ވެސް މަޒާރީ ވަނީ ނަޕޯލީ އަށް އިރުޝާދު ދީފަ އެވެ. 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނަޕޯލީގެ ކޯޗުކަމާ މަޒާރީ ހަވާލުވީ އޭގެ ކުރިން އެ މަގާމުގައި ހުރި ރޮބާޓޯ ޑޮނަޑޯނީ ވަކި ކުރުމުންނެވެ. އެފަހަރު މަޒާރީގެ އިރުޝާދުގެ ދަށުން ނަޕޯލީ ކުޅެފައި ވަނީ 182 މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 89 މެޗުން މޮޅުވެފަ އެވެ. 43 މެޗުން ބަލިވެފައިވާއިރު، 50 މެޗުން ވަނީ އެއްވަރުވެފަ އެވެ. އެފަހަރު ނަޕޯލީ އާއެކު އޭނާ ވަނީ އިޓާލިއަން ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން އިޓާލިއަން ސުޕަ ކަޕްގެ ދެ ވަނަ ވެސް ވަނީ ހޯދައިފަ އެވެ.
ނަޕޯލީގައި ހަތަރު އަހަރު ހޭދަ ކުރުމަށްފަހު، އެ ޓީމުގެ ކޯޗުކަމުން އޭނާ ދުރަށް ދިޔައީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އިޓާލިއަން ލީގުގެ އިންޓަ މިލާން އަދި ޓޮރީނޯ އަށް ވެސް އިރުޝާދު ދީފަ އެވެ. ދެ ވަނަ ފަހަރަށް ނަޕޯލީގެ ކޯޗުކަމަށް މަޒާރީ ހަމަޖައްސާފައިވާއިރު، އޭނާގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ނަޕޯލީގެ ނަތީޖާ ރަނގަޅު ކުރުމެވެ.