ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 17:24
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ވަޒީރުންގެ މަޖިލިސް
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމުގެ މުއާހަދާގައި ބައިވެރިވުމަށް ލަފާ އަރުވައިފި
 
މި މުއާހަދާގައި، ރާއްޖެފަދަ ކުޑަ ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް މަގުފަހިކުރުމަށްޓަކައި އދ.ން އެކުލަވާލާފައިވާ މުއާހަދާ، "އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީބީއެންޖޭ) ގައި، ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް މި ލަފާ އެރުވުމާ ގުޅިގެން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ނިންމަވާފައެވެ. އެމަނިކުފާނު މިހެން ނިންމަވާފައިވަނީ، އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި މުއާހަދާއަކީ، ގައުމުތަކުގެ އިޚްތިޞާޞުން ބޭރުގައި އޮންނަ މާކަނޑުގެ ސަރަހައްދުތަކަށް، މާހައުލީގޮތުން ވަކި އުސޫލުތަކެއް ކަނޑައެޅުމާގުޅޭ މުއާހަދާއެކެވެ. މި މުއާހަދާގައި މައިގަނޑު ހަތަރު ބައެއް ހިމެނެއެވެ.

ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން، (ބީބީއެންޖޭ) އެކުލަވާލުމަކީ، މާކަނޑުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤުވާމީގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ. ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުވާ މިފަދަ މުއާހަދާއެއްގައި، ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއްކަން، އެންވަޔަރަމެންޓް މިނިސްޓްރީ ފާހަގަކުރެއެވެ.

ބީބީއެންޖޭ މުއާހަދާގައި މިހާތަނަށް ދުނިޔޭގެ 83 ގައުމަކުން ވަނީ ސޮއިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި