ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 15:02
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ބަޖެޓް ކޮމިޓީ
ބަޖެޓު ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދާނީ އިންތިޤާލީ ސަރުކާރުގެ ބައިވެރިވުމާއެކު
ބަޖެޓްގެ މަސައްކަތް އަވަސްކުރަން މެންބަރުން ބޭނުންފުޅުވޭ
އިންތިޤާލީ ފިނޭންސް މިނިސްޓަރު ހާޒިރުކުރުމާމެދު ޚިޔާލު ތަފާތުވުންތަކެއް އެެބަހުރި
އިންތިޤާލީ ސަރުކާރުން ބޭނުންވާ ކަންކަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ

ބަޖެޓު ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދާނީ އިންތިޤާލީ ސަރުކާރުގެ ބައިވެރިވުމާއެކު ކަމަށް އެ ކޮމިޓީގެ މުޤައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަަރު މުހައްމަދު ނާޝިޒް މިއަދު ވިދާޅުވެއްޖެއެވެ.

ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދިއުމާމެދު މަޝްވަރާކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އަންގާރަ ދުވަހު މެންބަރުން ވަނީ އަންނަ ސަރުކާރަށް ބަޖެޓަށް ބަސް ބުނުމުގެ ފުރުސަތު ދިނުން މުހިންމުކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރިފާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އަދި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދަން ވާނީ އައު ސަރުކާރުގެ ބަސް ހޯދައިގެން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ޚިޔާލު ހޯދާނީ އިންތިޤާލީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހާޒިރުކުރައްވައިގެންތޯ ނުވަތަ އެ ސަރުކާރަށް ނިސްބަތްވާ މެންބަރުން މެދުވެރިކުރައްވާތޯ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތެވެ.

އަދި ކޮމިޓީގެ އެހެން މެންބަރުން ވެސް ވަނީ އެކަމަށް ތާއީދުކުރައްވާފައެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މެންބަރުން ވަނީ ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓްގެ މަސައްކަތް އަވަސްކުރަން ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މި ފަހަރު ބަޖެޓު ފާސްކުރުމުގެ ކުރިން ވަކިވަކި މުއައްސަސާތަކާއި އިދާރާތައް ހާޒިރުކުރުމުގެ ބަދަލުގައި ލިޔެކިޔުމުން މައުލޫމާތު ހުށަހެޅުމަށް ފުރުސަތު ދިނުމަށް މެންބަރުން ޚިޔާލު ހުށަހެޅުއްވިއެވެ.

މެންބަރުންގެ ވާހަކަފުޅުތަކާއި ގުޅިގެން މެންބަރު ނާޝިޒް ވިދާޅުވީ ބަޖެޓް އެކުލަވާލާފައި ވަނީ ވެސް އިންތިޤާލީ ސަރުކާރުގެ މަޝްވަރާއާ އެކުގައި ކަަމަށެވެ. އަދި ކޮމިޓީގައި ވެސް އިންތިޤާލީ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ތިއްބެވުމާއެކު އިންތިޤާލީ ސަރުކާރުން ބޭނުންވާ ކަންކަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް