ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 14:39
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ
ރޮއިޓާސް
ޣައްޒާގެ ސަލާމަތީކަންކަމާ މިސުރުން ހަވާލެއް ނުވި
ހަނގުރާމައަށްފަހު ޣައްޒާގެ ސަލާމަތީ ކަންކަމުގައި ބައިވެރިވުމަށް މިސްރުން ދެކޮޅު ހަދައިފި
ސީސީ ވިދާޅުވީ ހަމާސްއާ ދެކޮޅަށް މިސްރުން އިސްރާއީލަށް އެހީތެރިނުވާނެ ކަމަށް

އިސްރާއީލްގެ ހަނގުރާމަވެރިން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށްފަހު، އަދި މިހާރު އެ ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް އައުމަށްފަހު، ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ދެކޮޅުހައްދަވައިފި އެވެ.

ސީސީ އާއި ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް އާ ދެމެދު ބޭއްވެވި ބައްދަލުވުމެއްގައި ހުށަހެޅުއްވި މި ހުށަހެޅުމަކީ ހަމާސްގެ ވާދަވެރި ފެކްޝަން ފަތަހަ ޖަމާއަތުގެ ބާރު އޮންނަ ފަލަސްތީނު އޮތޯރިޓީގެ ދަށަށް ޣައްޒާ ބަދަލުކުރުމުގެ ކުރިން މިސްރުން ޣައްޒާގެ ވަގުތީ ކޮންޓްރޯލް ނެގިދާނެ ހުށަހެޅުމެކެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވޯލް ސްޓްރީޓް ޖާނަލްއާ ވާހަކަ ދެއްކެވި މިސްރުގެ އިސް އޮފިޝަލުންނާ ހަވާލާދެއްވާ ސީސީ ވިދާޅުވީ ހަމާސްއާ ދެކޮޅަށް މިސްރުން އިސްރާއީލަށް އެހީތެރިނުވާނެ ކަމަށާއި އެއީ މިސްރާއި ޣައްޒާއާ ދެމެދު ބޯޑަރު ސެކިއުރިޓީ ކަށަވަރުކުރުމަށް އެ ޖަމާއަތް ބޭނުންވާތީ ކަމަށެވެ.

އިސްރާއީލުން ޣައްޒާގެ ސަރަހައްދަށް ދިން ހަމަލާތައް ނިމުމަކަށް ގެނައުމަށްފަހު ޣައްޒާގެ ކޮންޓްރޯލް ނަގާނީ ކާކުކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭބީސީ ނިއުސްއަށް ވިދާޅުވީ "ވަކި މުއްދަތެއް ނެތް ގޮތަށް މުޅި ސަލާމަތީ ޒިންމާ އިސްރާއީލަށް އޮންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށާއި ސަބަބަކީ އެ ސަލާމަތީ ޒިންމާ ނެތް ނަމަ ވާނެ ގޮތް އޭނާއަށް ފެނިފައިވާތީ" ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ ހަނގުރާމައަށްފަހު އިސރާއީލުން ޣައްޒާ އަލުން އަތުނުލާނެ ކަމަށެވެ. ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ ހަނގުރާމައަށް ފަހު އިސްރާއީލަށް ސަލާމަތީ ގޮތުން "ބައެއް އިބްތިދާއީ މަސްއޫލިއްޔަތުތައް" އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބްލިންކެން އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން މަޖުބޫރުކޮށްގެން ނުނެރެވޭނެ ކަމަށާއި، އަދި ހަނގުރާމަ ނިމުމަށްފަހު ވެސް ޓެރަރިޒަމް ނުވަތަ އެހެނިހެން ހަރުކަށި ހަމަލާތައް ދޭ ޕްލެޓްފޯމެއްގެ ގޮތުގައި ޣައްޒާ ބޭނުން ނުކުރާނެ ކަމަށެވެ.

ހަނގުރާމައަށްފަހު ޣައްޒާގައި ފަލަސްތީނުގެ ވެރިކަމާއި ފަލަސްތީނު އޮތޯރިޓީގެ ދަށުން ހުޅަނގު އައްސޭރިއާ ގުޅިފައިވާ ޣައްޒާ ހިމަނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްޒާގެ އުތުރުގައި ދިރިއުޅެމުން ދިޔަ 1.1 މިލިއަން މީހުން ދެކުނުން ދަތުރުކުރުމަށް އިސްރާއީލުން އަމުރުކުރުމުން ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގެ އުތުރުން ގިނަ އަދަދެއްގެ މީހުން ހިޖުރަކުރިއެވެ.

މިކަމުގެ ސަބަބުން ނަސްލު ނައްތާލުމާއި "ދެވަނަ ނަކްބާ" އެއް އުފެދިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އިސްރާއީލުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް މިސްރަށް ބަދަލުކުރަން ބޭނުންވާކަމަށް އިސްރާއީލުގެ ލީކުވެފައިވާ ލިޔުމެއްގައި ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އުތުރުގެ ސަރަހައްދު ވަށާލައި ޣައްޒާ ސިޓީގެ ބިންގަރާސްތަކަށް އަމާޒުކޮށްފައިވާ ހަމަލާތައް ފެށުނީއްސުރެ ފަލަސްތީނުގެ 50،000 މީހުން ވަނީ އިސްރާއީލުން ކަނޑައަޅާފައިވާ "ކޮމްބެޓް ޒޯން" ދޫކޮށް ފިލާފައި ކަމަށް އިސްރާއީލު ސަރުކާރުން ބުނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކާއި، އެއްގަމު މަގުން ދިން ހަމަލާތަކުގެ ސަބަބުން  4،412 ކުޑަކުދިންނާއެކު 10،812 މީހުން މަރުވެ، އިތުރު 26،905 މީހުން މިހާތަނަށް ވަނީ ޒަޚަމްވެފައެވެ.

- ކޮމެންޓް