ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 10:06
500 އެމްއެލްގެ ޕްލާސްޓިކް ފުޅިތަކެއް ފަޅުތެރޭގައި
500 އެމްއެލްގެ ޕްލާސްޓިކް ފުޅިތަކެއް ފަޅުތެރޭގައި
އަޝްވާ ފަހީމް
ސިންގަލް ޔޫސް ޕްލާސްޓިކް
އަންނަ މަހުން ފެށިގެން 1 ލީޓަރުން ދަށުގެ ކުދި ފުޅީގައި ފެން އެތެރެކުރުމާއި އުފެއްދުން މަނާވާނެ
މި ބާވަތުގެ ފެން 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބާޒާރަށް ނެރުން މަނާކުރެވޭނެ
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް ލިސްޓުގައި ހިމެނޭ

އަންނަ މަހުން ފެށިގެން 1 ލީޓަރުން ދަށުގެ ކުދި ފުޅީގައި ފެން އެތެރެކުރުމާއި އުފެއްދުން މަނާވާނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ 01 ޑިސެމްބަރ 2023ން ފެށިގެން 1 ލިޓަރާއި 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ޕެކްކޮށްފައި ހުންނަ ފެން ދިވެހިރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ވިއްކުން މަނާވާނެ ކަމަށެެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ވަނީޤަރާރަކުން ކަނޑައަޅުއްވާފައެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު އެ ޤާނޫނުގެ 8-1 ވަނަ މާއްދާ އުވިގެން ދިއުމާއި ގުޅިގެން އަލުން ލިސްޓު ރައީސް ކަނޑައެޅުއްވި އިރު ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް ލިސްޓުގައި ބަޔާންކޮށްފައިވެއެވެ. މިތަކެތި އެކި މަރުހަަލާތަކަށް ބަހާލައިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.

އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރިނަމަވެސް، އެތަކެތި ބާޒާރަށް ނެރުން މަނާކޮށްފައިވަނީ އަންނަ އަހަރުގެ މާރޗް މަހުގެ 1ން ފެށިގެންނެވެ. މިއާއެކު 500 އެމްއެލްގެ ފެން ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ފުޅި އުފެއްދުމާއި ވިއްކުމާއި އެތެރެކުރުން މަނާވާނެއެވެ.

1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް 2023 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާކުރެވި 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބާޒާރަށް ނެރުން މަނާކުރެވޭނެއެވެ. މި ސައިޒުގެ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން 2023ގެ ނިޔަލަށް މަނާކުރެވުނު ކަމުގައި ވީނަމަވެސް، ރާއްޖޭގައި މިހާރުވެސް އުފައްދަމުންދާ 1.5 ލީޓަރު ފުޅިއާއި އެއަށްވުރެ ބޮޑު ސައިޒުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ބާޒާރުގައި ލިބެން ހުންނާނެއެވެ.

- ކޮމެންޓް