ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 17:29
ހުޅުމާލެ
ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ފްލެޓް ލިބުނު މީހުން
ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހުކުރު ދުވަހުގެރޭ 23:59 އާ ހަމައަށް އިތުރުކޮށްފައިވޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހުކުރު ދުވަހުގެރޭ 23:59 އާ ހަމައަށް އިތުރުކޮށްފައެވެ.

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެެއިން، 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ. އަދި 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި މީގެކުރިން ބުނެފައިވަނީ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެކަމަށެވެ.

އަދި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން، ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެގޮތުން ދެމަފިރިން ވަކިން ހުށަހަޅައިގެން ފްލެޓް ލިބުމަށް ހޮވިފައިވާނަމަ ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 (އެއް) ފްލެޓެވެ. ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 (އެއް) ފްލެޓް ކަމަށް ވެސް ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20،000ށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 13،000ށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ނިންމަވާފައެވެ.

- ކޮމެންޓް