ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 15:27
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން
ރާއްޖެއެމްވީ
ވ. އާރަށު ޚިޔާނާތް
އާރަށު ޚިޔާނާތުގެ މައްސަލާގައި، ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް އަންނާނެފަދަ ގާނޫނީ ގޯހެއް ނެތް: ދައުލަތް
 
ދަށު ކޯޓުގެ ފަނޑިޔާރު، ދައުލަތާއި ދިފާއަށްވެސް ގަވާއިދުގެ ތެރެއިން ފުރުސަތު ދެއްވާފައިވޭ
 
ފަނޑިޔާރުން ވަނީ ދެފަރާތަށްވެސް ބައެއް ސުވާލުތައް އަމާޒުކުރައްވާފައި

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ހައިކޯޓުގައި ކުރިއަށްގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ދަށު ކޯޓުން ހަދާފައިވާ ގޯސްތަކާ ގުޅިގެން ދައުލަތުން އެއްބަސްވާ ކަންކަމާ ގުޅޭގޮތުން ފަނޑިޔާރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އުނި ކަންތައްތަކެއް ހުރިނަމަވެސް، ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް އަންނާނެފަދަ ގާނޫނީ ގޯހެއް ނެތްކަމަށެވެ.

އެކަމާ ގުޅޭގޮތުން ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ، ދަށު ކޯޓުން ހަދާފައިވާ ގޯސްތަކުގެ ސަބަބުން ދިފާއުވުމުގެ ހައްގަށް އުނިކަން ލިބިފައިވާކަމަށެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ދެފަރާތަށްވެސް ބައެއް ސުވާލުތައް އަމާޒު ކުރައްވާފައެވެ.

ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތުނުދީ ޝަރީއަތް ހިންގާފައިވާނަމަ މައްސަލައިގެ ނިންމުމަށް އެއިން އަސަރުކުރާނެ ކަމަށެވެ.

އެހެންނަމަވެސް ހަގީގަތަކީ، ދަށު ކޯޓުގެ ފަނޑިޔާރު ދައުލަތާއި ދިފާއަށްވެސް އެ ގަވާއިދުގެ ތެރެއިން ފުރުސަތު ދެއްވާފައިވާކަން ކަމަށް ވަކީލު ވިދާޅުވިއެވެ.

އަދި މުއްދަތުގެ ތެރޭގައި ދައުލަތާއި ދިފާއަށް ހުށަހެޅުންތައް ހުށަހެޅިފައި ނުވުމަކީ، ދަށު ކޯޓުގެ ފަނޑިޔާރު ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ނުދެއްވައި ކުރިއަށް ވަޑައިގެންނެވުންކަމަށް ބެލެވެން ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެ ނުކުތާގައި ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ ނިންމުމުގައި، ފަނޑިޔާރު ވަކި ޚަސްމަކަށް ނުނިޔަތް ގެންގުޅުއްވާފައިވާކަން އެފަރާތަށްވެސް ގަބޫލު ނުކުރެވޭކަމަށެވެ.

ދައުލަތާއި ދިފާއުން ހުށަހެޅުންތައް ހުށަހަޅާފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ މުއްދަތަށް ބަލައިގެންނެވެ.

އެ މާއްދާގެ (ހ) އަދި (ށ)ގައި ބަޔާންކުރަނީ، ފުރުސަތު ދެއްވި ދުވަހާއި މުއްދަތު ހަމަވާ ދުވަސް ނުގުނާނެ ކަމަށެވެ. އަދި ވަކި ކަމެއް ކުރަން އޮތް އެންމެ ފަހު ތާރީޚަކީ ރަސްމީ ބަންދު ދުވަހަކަށް ވާނަމަ، އެ ކަމެއް ބަންދު ދުވަހާ ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހު ކުރެވިދާނެ ކަމަށެވެ.

އެހެންނަމަވެސް އެ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވަނީ، 7 ދުވަހަށްވުރެ ދިގު ނޫން މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަންކަން ކޮށްފިކަން ކަށަވަރުކުރުމުގައި، އެ 7 ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެ ކަމަށެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެއްވާފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. ވީއިރު، މިއީ 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ބާވަތުގެ ކަމެއް ނޫނެވެ.

ނަމަވެސް ދައުލަތާއި، ދައުވާލިބޭ ފަރާތްތަކުން މުއްދަތު ގުނާފައިވަނީ އެ ދެމެދަށް އައި ފިތުރު އީދުގެ ޗުއްޓީގެ މުއްދަތަށްވެސް ބަލާފައެވެ.

އެ ނުކުތާ ދައުލަތުންވެސް ފަހުން ވަނީ ގަބޫލުކޮށްފައެވެ. އެގޮތުން ދައުލަތުން މުއްދަތު ގުނާފައިވަނީ ރަނގަޅަށް ނޫންކަން ދައުލަތުގެ ވަކީލުވެސް ގަބޫލުކުރެއްވިއެވެ. ދައުލަތުން ވަނީ އެ ކަން ދައުލަތަށްވެސް "ކައްސާލީކަމަށް" ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުންވެސް، އަދި ޔޫސުފް ނައީމްގެ ފަރާތުންވެސް ހުށަހެޅުންތައް ހުށަހަޅާފައިވަނީ ހަމަ އެގޮތަށް މުއްދަތު ގުނައިގެންނެވެ.

ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ހުށަހަޅާފައިނުވާތީ، އެ ހުށަހެޅުންތައް ބަަލައިނުގެންނެވުމަށް ނިންމަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް