އޭއެފްސީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ޤަތަރުގެ އަލް ދުހައިލާ ދެކޮޅަށް ކުޅުނު މެޗުން، ސައުދީގެ އަލް ނަސްރު މޮޅުވެއްޖެ އެވެ.
އަންގާރަ ދުވަހުހެ ރޭ ޤަތަރުގެ ވެރި ރަށް ދޯހާގައި ހުންނަ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 3-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އަލް ދުހައިލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ފިލިޕޭ ކުޓީނިއޯ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ނަސްރުން ވަނީ ދެ ލަނޑު ޖަހައިގެން، މެޗުގައި ލީޑު ނަގައިފަ އެވެ. އެ ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ޓަލިސްކާ އެވެ. އެއީ 27 ވަނަ މިނެޓާއި 37 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކުންނެވެ.
ދެ ވަނަ ހާފަށް ނުކުމެ، 65 ވަނަ މިނެޓުގައި ޓަލިސްކާ ވަނީ ތިން ވަނަ ލަނޑު ޖަހައި، ހެޓްރިކް ހަމަ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި އަލް ދުހައިލަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ކުޓީނިއޯ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އަލް ދުހައިލްގެ ޚާލިދު މުޙައްމަދަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ.
މޮޅާއެކު އަލް ނަސްރުން ވަނީ ގްރޫޕް އީގެ އެއް ވަނަ މަގާމު ދަމަހައްޓައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު ޕާސެޕޮލިސް އެވެ. ދެ ޕޮއިންޓާއެކު ތިން ވަނައިގައި އިސްޓިކްލޯލް އޮތްއިރު، ޕޮއިންޓަކާއެކު ފުލުގައި އޮތީ އަލް ދުހައިލް އެވެ.