ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 05:21
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ
ރޮއިޓާސް
ބަޔާ ލެވަކޫސަން
ފޯކަސް ހުރީ މެޗަކަށް ފަހު މެޗަކަށް: ޒަބީ އަލޮންސޯ
 
އަލޮންސޯ ބުނީ ލީގަށް ވާދަ ކުރުމުގެ ވާހަކަ ދައްކައިގެން ޓީމުގެ ފޯކަސް ގެއްލުވާލަން ބޭނުން ނުވާ ކަމަށް

ބަޔާ ލެވަކޫސަންގެ ފޯކަސް ހުރީ މެޗަކަށް ފަހު މެޗަކަށް ކަމަށް އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

އަލޮންސޯ މިހެން ބުނީ ޖަރުމަނު ލީގުގައި ހޮފެންހައިމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލީގު ތާވަލްގެ އެއް ވަނަ މަގާމު ދެމެހެއްޓި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މިވަގުތު ލެވަކޫސަންގެ އެންމެހާ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާމެދު، އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިން ރޫޙު ހުރީ ވެސް ވަރަށް ރަނގަޅަށް ކަމަށާއި، ސީޒަންގެ މިހާ ހިސާބަށް އާދެވުނުއިރު ރަނގަޅު ނަތީޖާއެއް ލިބުމުގެ އެންމެ ބޮޑު އެއް ސިއްރަކީ އެއީ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި، ލެވަކޫސަންގެ ގޭމު ކުޅުމަށް ކަމަށެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި ލެވަކޫސަން އޮތުމުން، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، މިވަގުތު ލީގު ހޯދުމުގެ ވާހަކަ ދެއްކުން މުހިންމު ނޫން ކަމަށެވެ. އޭނާ ބުނީ މިވަގުތު އެންމެ މުހިންމީ މެޗަކަށްފަހު މެޗަކަށް ފޯކަސް ކުރުން ކަމަށެވެ. އެގޮތުން އެއް މެޗު ނިންމައި، އެ މެޗުން ފާހަގަވި ކަންކަމާއެކު ކުރިއަށް އޮތް މެޗަށް ނިކުތުން މުހިންމު ކަމަށް އޭނާ ދެކެ އެވެ. އަލޮންސޯ ބުނީ ލީގަށް ވާދަ ކުރުމުގެ ވާހަކަ ދައްކައިގެން ޓީމުގެ ފޯކަސް ގެއްލުވާލަން ބޭނުން ނުވާ ކަމަށެވެ. އަލޮންސޯ ދެކޭ ގޮތުގައި ލެވަކޫސަންގެ ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ ޖަރުމަނު ލީގުގައި ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިންނެވެ.

ލެވަކޫސަންގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭނާ ހަވާލުވި ފަހުން އެ ޓީމު އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. މި ސީޒަންގެ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ލެވަކޫސަން ބަލިވެފައެއް ނުވެ އެވެ. މިހާތަނަށް ލީގުގައި ލެވަކޫސަން ވަނީ 10 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ނުވަ މެޗުންް މޮޅުވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލެވަކޫސަންގެ ކޯޗުކަމާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އެކުލަބާއެކު އަލޮންސޯ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، މިއަހަރުގެ އޯގަސްޓު މަހު އެ ކުލަބުން ވަނީ އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް