ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމަށްޓަކައި، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްޚުލުވާން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ފުރުސަތު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީ އިން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މައްސަލަ ބަލައިގަތްކަން އެމްޑީޕީ އަށް އެންގީ ނިމިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. ސުޕްރީމް ކޯޓުން ބުނީ ޕީޕީއެމް އާއި ޕީއެންސީ އަށް މައްސަލަ އަށް ތަދައްޚުލުވާން ފުރުސަތު ދީފައިވަނީ އެ ދެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާތީ ކަމަށެވެ.
ޑިމޮކްރެޓްސް އިން އެ މައްސަލަ އަށް ތަދައްޚުލުވާން، ޕާޓީގެ ފަރާތުން އެދިފަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. ޑިމޮކްރެޓްސްގެ ފަރާތުން މައްސަލަ އަށް ތަދައްޚުލުވާން އެދިފައި ވަނީ ވަކި ވަކި މެމްބަރުން ކަމަށް ނުވުމުން އެ ފުރުސަތު ދީފަ އެއް ނުވެއެވެ.
އެމްޑީޕީން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ނިންމި ނިންމުމަކީ، ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. ރައްޔިތުންގެ މަޖިލީހުގެ އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރިއެވެ. އެހެންނަމަވެސް ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ދެ ދުވަހުވެސް ވަޑައިގެންފައެއް ނުވެއެވެ.
މަޖިލީހަކީ ރާއްޖޭގެ ދެވަނަ ބާރަށް ވާއިރު، މަޖިލީހުގެ މަސައްކަތްތައް ހުއްޓިގެން ނުވާނެކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެ ބާރުގެ މަސައްކަތް ހުއްޓޭގޮތަށް، ގާނޫނުގެ އެއްވެސް މާއްދާއެއް މާނަކުރެވިގެންވެސް ނުވާނެކަމަށް އެ ޕާޓީން ދަނީ ބުނަމުންނެވެ. އެމްޑީޕީގެ ގާނޫނީ ޓީމުގެ ފަރާތުންވެސް ވަނީ، މަޖިލީސް ހުއްޓުމަކަށް އަންނަ ގޮތަށް މަޖިލީހުގެ ގަވާއިދު މާނަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކޮށްފައެވެ.