އިޓާލިއަން ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެއް ވަނައިގައި އިންޓަ މިލާނުން ލީޑު ފުޅާކޮށްފި އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އެޓަލަންޓާގެ އަމިއްލަ ދަނޑުގަައި ކުޅުނު މެޗު އިންޓަ އިން ކާމިޔާާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ އިންޓަ އިންނެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އިންޓަ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ލީޑު ނަގައިދިނީ ހަކާން ޗަނޮގްލޫ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އިންޓަ އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ހެންރިކް ޚިތަރްޔަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންޓަގެ ދެ ވަނަ ލަނޑު ޖެހީ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. އިންޓަ އިން ދެ ލަނޑު ޖެހި ފަހުން އެޓަލަންޓާ އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. 61 ވަނަ މިނެޓުގައި އެޑެމޮލާ ލުކްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ޖިއަންލުކާ ސްކަމާކާ އެވެ.
މޮޅާއެކު އިންޓަ އިން އެއް ވަނައިގައި އޮތީ ކުޅުނު 11 މެޗުން 28 ޕޮއިންޓު ހޯދައިގެންނެވެ. އިންޓަ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ޔުވެންޓަސް އަށް ލިބެނީ 23 ޕޮއިންޓެވެ. އިންޓަ އަތުން ބަލިވި އެޓަލަންޓާ އޮތީ 11 މެޗުން 19 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.