ކ. މާލެ
|
3 ނޮވެންބަރ 2023 | ހުކުރު 17:07
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ރާއްޖެއެމްވީ
ފެނަކަ ކޯޕަރޭޝަން
100 މިލިއަނުގެ ކޮރަޕްޝަނެއް ހިންގާކަމަށް ފަތުރާ ވާހަކަތައް ފެނަކައިން ދޮގުކޮށްފި
ދޮގު ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން
ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް ހަބަރުތައް ގެނެސްދިނުމަށް އިލްތިމާސްކުރޭ

ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފައިވާގޮތަކަށް އަމަލުކުރާކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

ފެނަކައިން 100 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގާ ކަމަށް ދިޔަރެސް ނޫހުން މިދިޔަ ބުދަ ދުވަހު އާންމު ކޮށްފައިވާ ހަބަރާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެއީ ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި ރޭވުމެއްގެ ތެރެއިން ފަތުރާ ވާހަކަތައް ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ފެނަކައިގެ ހިދުމަތް ހުއްޓުމަކަށް އަޔަނުދީ ދުވަހުން ދުވަހަށް ހޯދަންޖެހޭ މެޓީރިއަލްތަކާއި ދުރާލައި ހޯދަންޖެހޭ މެޓީރިއަލްސް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ އަމަލެއް އެ މުއާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހު ވާދަވެރި ޕްރޮކިއުމަންޓް ޕްރޮސަސްއެއްގެ ތެރެއިން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި ކުންފުނީގެ ދުވަހުން ދުވަހަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަކީ އެއްވެސް މިންވަރަކަށް މައްސަލައަކަށް ވާންޖެހޭނެ ސަބަބެއް ކަމަކަށް ނުދެކޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފެނަކައިން ބުނީ އެ ކުންފުންޏާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް، ކަމުގެ ހަގީގަތް ސާފުކުރުމެއްނެތި މިފަދަ ހަބަރުތައް ތަކުރާރުކޮށް އާންމުކުރުމަކީ އެންމެ ޒިންމާދާރުކަމާއެކު ކޮށްފައިވާ ކަމެއްކަމަށް ނުދެކޭ ކަމަށެވެ. އަދި ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް ހަބަރުތައް ގެނެސްދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް