އިސްރާއީލާ ދެކޮޅަށް ހިޒްބުالله އިން ހަރަކާތްތެރިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތްކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ވައިޓް ހައުސްއިން ބުރާސްފަތި ދުވަހު ބުނީ އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވި ނަމަވެސް، ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން އިސްރާއީލާއި ދެކޮޅަށް ހަނގުރާމައެއް ކޮށްފާނެ ކަމުގެ އެއްވެސް ނިޝާނެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.
ހިޒްބުالله އިން އިސްރާއީލަށް ރޮކެޓް ހަމަލާދިނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ ހިޒްބުالله "ފުލް ފޯސްގައި ދާން ތައްޔާރަށް" އޮތް ކަމުގެ އެއްވެސް އިޝާރާތެއް ބައިޑެންގެ ސަރުކާރަށް ނުފެންނަ ކަމަށެވެ.
އިސްރާއީލުގެ އަސްކަރީ ޕޯސްޓުތަކަށް އަމާޒުކޮށް ލުބުނާގެ ހިޒްބުالله އިން ދިން ހަމަލާތަކާ ގުޅިގެން ކިރްބީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މީގެ ކުރިން ބުރާސްފަތި ދުވަހު ހިޒްބުالله އިން ބުނެފައި ވަނީ އިސްރާއީލުގެ 19 ސަރަހައްދަކަށް ހަމަލާ ދީފައި ވަނީ ކޯޑިނޭޓެޑް ބެރޭޖެއްގައި ކަމަށެވެ.
އިސްރާއީލާއި ލުބްނާންގެ ބޯޑަރު ސަރަހައްދުގައި މިދިޔަ މަހު ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިމަތިލުންތަކެއް ފެށި ފަހުން ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ. ހިޒްބުالله އިން ވަނީ ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކަށް ބަދަލު ހިފާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް ވައިޓް ހައުސްއިން ގަބޫލުކުރާ ގޮތުގައި ހިޒްބުالله އިން މިހާތަނަށް އަމަލުކޮށްފައި ވަނީ ބަދަލު ހިފުމުގެ ގޮތުން ނޫން ކަމަށާއި އައު ހަނގުރާމައެއް އިއުލާން ކުރުމުގެ ވިސްނުން އެމީހުންގެ ނެތް ކަމަށް ވަނީ ބުނެފައެވެ. އިސްރާއީލުން ޣައްޒާއަށް ސަމާލުކަން ދޭއިރު، އިސްރާއީލާއި ހިޒްބުاللهއާ ދެމެދު މިވަގުތު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ނުރައްކާ ކުޑަކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އިންޒާރު ދެނީ އޮޅުވާލުމެއްގެ ތެރެއިން ނުތަނަވަސްކަން އުފެދިދާނެ ކަމަށެވެ. އެފަދަ ފަރާތްތަކުން ހިޒްބުﷲ ކުށްލިއަކަށްވެސް ހަމަލާތަކެއް ދީފާނެ ކަމަށް ބުނަމުންދާއިރު، ޣައްޒާގެ ކާރިސާގެ ތެރޭގައި ހިޒްބުاللهގެ ފިޔަވަޅުތައް ދަނީ ވަރަށް ގާތުން ބަލަމުންކަމަށް ވައިޓް ހައުސްއިން ބުނެއެވެ.