Advertisement
ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 18:10
ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
ރާއްޖެއެމްވީ
އަރބަންކޯ
ގަވާއިދުން ކުލި ދައްކައިގެން، އުމްރާ ދަތުރެއް ހޯދުމަށް ހުޅުވާލި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި
ޖުމްލަ 4 ފަރާތަކަށް އުމްރާ ދަތުރު ވަނީ ދީފައި
އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް، ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ ޖެނުއަރީގައި

ގަވާއިދުން ކުލި ދެއްކައިގެން، އުމްރާ ދަތުރެއް ހޯދުމަށް އަރބަންކޯއިން " ޕޭ އެންޑް ވިން"ގެ ނަމުގައި ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރިން ހޮވައިފިއެވެ.

ބުދަ ދުވަހު ނެގުނު މި ގުރުއަތުގައި ހަތަރު ފަރާތެއް ވަނީ ހޮވާފައެވެ. އެއީ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެފަރާތަކާއި، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ދެފަރާތް ކަމަށް އަރބަންކޯއިން ބުނެއެވެ.

މި ޕްރޮމޯޝަން ނިންމާލުމުގެ ގޮތުން، އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުންވެސް އޮންނާނެކަމަށް އަރބަންކޯއިން ބުނެއެވެ. މި ގުރުއަތުނެގުން އޮންނާނީ ޖެނުއަރީ 2024ގައެވެ.

Advertisement

"ޕޭ އެންޑް ވިން"އަކީ، އަރބަންކޯއިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ، އަދި އެއްވެސް އޯވަރޑިއުއެއް ނެތް ފަރާތްތަކަށެވެ. އެގޮތުން  ގަވާއިދުން ކުލިދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި، ހޮވޭ ފަރާތަކަށް އިނާމެއްގެގޮތުގައި އުމްރާ ދަތުރެއް އަރބަންކޯއިން ދޭނެއެވެ.

ބައެއް ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަރޑިއު ވެފައިވާކަން ފާހަގަވެފައި ވާކަމަށް އަރަބަންކޯއިން ބުނެއެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތްކުރަނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދެވޭއިރު ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ބުނެއެވެ. އެހެންކަމުން ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށްވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ޖެހިޖެހިގެން 6 މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފިނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

އަރބަންކޯގެ މަގުސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެކި ސަބަބުތަކާހެދި ފައިސާ ނުދެއްކި ހުރި ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، ޕޭމަންޓް ޕްލޭނަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް އެ ކުންފުނިން ވަނީ ފަހިކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް