ޣައްޒާއަށް އިސްރާއީލުން މިހާރު ދެމުންގެންދާ އުދުވާނީ ވަރުގަދަ ހަމަލާތައް ނުހުއްޓުވައިފިނަމަ އަންނަ އަހަރުގެ އިންތިޚާބުގައި ވޯޓުލާން ތިބި އެތައް މިލިއަން މުސްލިމުން ބައިޑެންއަށް ވޯޓުލުން ހުއްޓުވާނެކަމަށް އެމެރިކާގެ މުސްލިމުންގެ އިސް ޖަމާއަތަކުން ބުނެފިއެވެ.
ރޮއިޓަރސްގެ އަންގާރަ ދުވަހުގެ ރިޕޯޓެއްގައިވާ ގޮތުން ނޭޝަނަލް މުސްލިމް ޑިމޮކްރެޓިކް ކައުންސިލުން ވަނީ އިސްރާއީލުގެ މައްޗަށް އޮންނަ ބައިޑެންގެ ނުފޫޒު ބޭނުންފުޅު ކުރައްވައިގެން ހަމަލާތައް ހުއްޓާލުމަށް ބާރު އަޅުއްވައިދެއްވުމަށް ބައިޑެން އަށް ދަންނަވާފައެވެ. ނޭޝަނަލް މުސްލިމް ޑިމޮކްރެޓިކް ކައުންސިލްގައި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
"2023 ސީޒްފަޔަރ އަލްޓިމޭޓަމް" ގެ ނަމުގައި އެ ކައުންސިލުން ބައިޑެން އަށް ފޮނުވާފައިވާ ސިޓީއެއްގައިވަނީ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާނަށް ތާއީދު ކުރާ އެއްވެސް ކެންޑިޑޭޓަކު އަންނަ އަހަރުގެ އިންތިޚާބަށް އެންޑޯސް ނުކުރާނެކަމަށާއި, ސަޕޯޓު ނުކުރާނެކަމަށާއި, އަދި ވޯޓުވެސް ނުދޭނެ ކަމަށެވެ. އަދި ބައިޑެންގެ ސަރުކާރުން އެއްވެސް ޝަރުތަކާނުލާ އިސްރާއީލްގެ އުދުވާނަށް ތާއީދުކޮށް، ފައިސާއާއި ހަތިޔާރުދެމުންގެންދިއުމުގެ ސަބަބުން ފަލަސްތީންގެ ކުށެއްނެތް އެތައްހާސް އާންމުން މަރުވަމުންދާ މި އަނިޔާވެރި ހަމަލާތައް ދިގުދެމިގެން ދިއުމަށް އެހީތެރިވާކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ކުރިން ބައިޑެން އަށް އިތުބާރު ކޮށްގެންތިބި ވޯޓުލާ އެތައް މިލިއަން ރައްޔިތުންގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެމެރިކާގެ މިނެސޯޓާ އަށް ބައިޑެން ބުދަ ދުވަހު ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާއިރު މިނެސޯޓާގެ މުސްލިމުން ވެސް ވަނީ ނިމުނު ހަފްތާގައި މިފަދަ އަމުރެއް ނެރެ، ހަމަލާތައް ހުއްޓުވައިދިނުމަށް އެދި ބައިޑެން އަށް ދަންނަވާފައެވެ. އަދި ބައިޑެންގެ ދަތުރުފުޅާ ދިމާކޮށް މިނެސޯޓާގެ މުސްލިމުން ބޮޑު މުޒާހަރާއެއް ކުރުމަށް ވެސް ދަނީ ރާވަމުންނެވެ.
އިސްރާއީލުގެ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް ބައިޑެން ފިޔަވަޅު ނާޅުއްވާތީ ގިނަ އަރަބި ގައުމުތަކެއްގެ އިތުރުން އެމެރިކާގެ މުސްލިމް ޖަމާއަތްތަކުން އަންނަނީ ބައިޑެންއާ މެދު ނުރުހުން ފާޅުކުރަމުންނެވެ. ޣައްޒާގެ ގިނަ އިމާރާތްތަކެއް ފުނޑުކޮށްލާފައިވާ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 8000ށް ވުރެ ގިނަ ރައްޔިތުން ވަނީ މަރުވެފައެވެ.
ވައިޓްހައުސްގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި ހަމަލާތައް ހުއްޓުވުމާބެހޭ ގޮތުން ވާހަކަ ދައްކަވަން ބޭނުންވި ބައެއް މުސްލިމް ލީޑަރުންނާ ބައިޑެން ވަނީ މިދިޔަ ހަފްތާގައި ބައްދަލުކުރައްވާފައެވެ.
އަނެއްކޮޅުން ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާ ކުރިޔަށް ގެންދަވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ހަމާސް އެއްކޮށް ނައްތާލެވެންދެން ހަމަލާތައް ކުރިޔަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އެމެރިކާގެ ޕަރލް ހާބަރަށް ބޮންއެޅުމުން، އަދި ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ހަމަލާތަކަށް ފަހު އެ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ދޭން ފެށި ހަމަލާތައް ވެސް ހުއްޓާލަން އެމެރިކާއިން އެއްބަސްނުވި ފަދައިން، އިސްރާއީލުން ވެސް އޮތީ މިހާރު ކުރިޔަށްގެންދާ ހަމަލާތައް ހުއްޓާލަން ތައްޔާރަށް ނޫންކަމަށް ވިދާޅުވިއެވެ. އަދި ހަމަލާތައް ހުއްޓާލުމަށް ގޮވާލުމަކީ ހަމާސްގެ ކުރިމަތީގައި ބަލި ގަބޫލުކޮށް ހަތިޔާރު ބެހެއްޓުމަށް، ނުވަތަ ޓެރަރިޒަމް އަށް ދޫދިނުމަށް ގޮވާލުން ކަމަށާއި އެކަމެއް ނުވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.