Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 22:55
އަލީ ޒާހިރު ކުނޫޒް ޖަލްސާއެއްގައި ވާހަކަ ދައްކަނީ
އަލީ ޒާހިރު ކުނޫޒް ޖަލްސާއެއްގައި ވާހަކަ ދައްކަނީ
ރާއްޖެއެމްވީ
ކުނޫޒް ޖަލްސާ
ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަން ޖެހޭނެ އެއްޗެއް ނޫން: އަލީ ޒާހިރު
ޤާާނޫނު ހިންގާ ތަން ފެންނަނީ ހަމައެކަނި ރައީސް ޔާމީންއާ ދެކޮޅު ބޭފުޅުންގެ މައްޗަށް
ޣައިރު ގާނޫނީ ކަންކަން ހިންގުމަށް ޕޮލިސް ސާރވިސްގެ ދައުރު ވަރަށް ފުޅާ
ވަަރަށް ގިނަ ބަޔަކު ވަނީ ނުޙައްޤުން ޖަލަށް ލާފައި

ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަންޖެހޭނެ އެއްޗެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި، ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ޤާނޫނާއި ޤަވާއިދަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ހިންގަން ޖެހޭނެ އެއްޗެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެފައި ވަނީ ކޮންމެ މީހެއްގެ މައްޗަށް ޤާނޫނު ހިންގަން ފަސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ޤާނޫނު ހިންގާ ތަން ފެންނިގެންދަނީ ހަމައެކަނި އެ މަނިކުފާނާ ދެކޮޅު ބޭފުޅުންގެ މައްޗަށް ކަމަށާއި މިގޮތަށް އަމަލުކުރެއްވުމަށް ޤާނޫނު ހިންގުމެކޭ ނުކިޔާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ މެޖޯރިޓީ ރައްޔިތުންގެ ހިޔާލާ ދެކޮޅަށް، ޣައިރު ގާނޫނީ ކަންތައްތައް ސަރުކާރުން ހިންގަމުންގެންދާ ކަމަށާއި މިކަންކަމުގައި ޕޮލިސް ސާރވިސްގެ ދައުރު ވަރަށް ފުޅާ ދާއިރާއެއްގައި އެބައޮތް ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ފެނިގެންދާ ހަޤީޤަތެއް ކަމަށާއި މިކަންތައްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޒާހިރު ވިދާޅުވިއެވެ. 

މި ސަރުކާރު ގެނައުމަށްޓަކައި މަސައްކަތް ކުރި ވަރަށް ގިނަ ބަޔަކު  ނުޙައްޤުން ޖަލަށް ލާފައިވާކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ ޣައިރު ޤާނޫނީ ކަންކަން ކުރިއަށް ގެންދަވަނީ މަޤާމުތަކުގައި އިސްކޮށް ތިއްބަވާ ބޭފުޅުން މެދުވެރިކޮށްގެން ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ ޤައުމީ ޒިންމާއެއް އެބަ އޮތް ކަމަށާއި ގުޅިފައިވާ ފަރާތްތަކުން ހަރަކާތްތައް ކުރިއަށް ގެންދަނީ ޤާނޫނާ އެއްގޮތަށް ކަމަށާއި، ނަމަވެސް ދައުލަތުން ކަންކަން ކުރަމުން ގެންދަނީ ޤާނޫނާ ޙިލާފަށް ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ. އަދި އެކަން ކަމަށް އެއްވެސް ފަރާތަކުން އެއްބާރުލުން ނުދިނުމަށް ޒާހިރު ގޮވާލެއްވި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި އަލީ ޒާހިރު ވިދާޅުވީ މިހާރު މަސީހުއަކީ މަޖިލީހުގެ ރައީސް ކަމަށް ބަލައި ނުގަންނަ ކަމަށެވެ.

ޒާހިރު އިތުރަށް ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންގެ ޤައުމީ ޒިންމާއެއް އެބައޮތްކަމަށާއި ދަޢުލަތުންވަނީ ޤާނޫނު އަސާސީއާ ޙިލާފުވެފައިކަމަށެވެ. އަދި މިކަންތައްތަކަށް ފުލުހުން އެއްބާރުލުން ނުދިނުމަށްވެސް ޒާހިރު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް