ކ. މާލެ
|
31 އޮކްޓޯބަރ 2023 | އަންގާރަ 05:23
ޖޭއެސްސީން ހޯމަ ދުވަހުގެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޖޭއެސްސީން ހޯމަ ދުވަހުގެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޖޭއެސްސީ
ޖޭއެސްސީ
ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު އަދި ސިވިލް ކޯޓުގެ އިސް ގާޒީއަކަށް މަރިޔަމް ވަހީދު އައްޔަންކޮށްފި
 
ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ގާޒީ މަރިޔަމް ވަހީދުގެ އިތުރުން ގާޒީ ހާފިޒާ އަބްދުއްސައްތާރު ވެސް ކުރިމަތިލެއްވި
 
ޖޭއެސްސީން ހުޅުވައިލި ފުރުސަތުގައި ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިއްލެއްވީ ފަނޑިޔާރު ޝަހީދު އެކަނި

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު، އަދި ސިވިލް ކޯޓުގެ އިސް ގާޒީކަމަށް މަރްޔަމް ވަހީދު އައްޔަންކުރައްވައިފިއެވެ.

ޖޭއެސްސީން ހުޅުވައިލި ފުރުސަތުގައި ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިއްލެއްވީ ފަނޑިޔާރު ޝަހީދު އެކަންޏެވެ. ޝަހީދު ހުންނެވީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުން އެ ކޯޓުގެ ހިންގުމާ ވެސް ހަވާލުވެވަޑައިގެންނެވެ.

ސިވިލް ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް ޖުނައިދު މިިދިޔަ ސެޕްޓެމްބަރު މަހު އަވަހާރަވެފައިވާތީއެވެ. އެ މަގާމަށް ކުރިމަތިލެއްވީ ގާޒީ މަރިޔަމް ވަހީދުގެ އިތުރުން ގާޒީ ހާފިޒާ އަބްދުއްސައްތާރެވެ.

ފަނޑިޔާރު ޝަހީދަކީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ، އަދި ބެޗެލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2014 ނޮވެމްބަރު 26 ވަނަ ދުވަހުން ފެށިގެން ދަނީ ފަނޑިޔާރުކަން ކުރައްވަމުންނެވެ. އޭނާ ވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އެމަނިކުފާނު އައްޔަންކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ އިސް ގާޒީކަމަށް އައްޔަންކުރައްވާފައިވާ މަރްޔަމް ވަހީދު، މާސްޓަރސް އޮފް ޝަރީއާ ހާސިލްކުރެއްވީ ވިލާ ކޮލެޖުންނެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗެލަރސް އޮފް ލޯސް ހާސިލްކުރައްވާފައިވެއެވެ. އޭނާ ގާޒީ ކަމަށް އައްޔަންކުރެއްވީ 2016 އޭޕްރީލް 13ގައެވެ. އޭގެ ކުރިން ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވަނީ ކުރައްވާފައެވެ. އަލްއުސްތާޒާ މަރްޔަމް ވަހީދު ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 2013 ޖަނަވަރީ 08 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި