ދަރިއަކު މި ދުނިޔެއަށް އުފަންވާ ވަގުތަކީ ކޮންމެ މަޔަކާއި ބަފައެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ވަގުތުކޮޅެވެ. އެ ވަގުތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދާ ވަގުތެކެވެ. އެއީ އަލަތު ދަރިފުޅު ނޫންކަމުގައި ވީނަމަވެސް އެކަން އޮންނަނީ ހަމަ އެހެންނެވެ. ނަމަވެސް ޔަހޫދީންގެ މުށުގެތެރޭގައި އޮތް ފަލަސްތީނުގެ ޣައްޒާގެ ރަށްވެހިންނަށް މިއަދު އެ އުފަލެއްވެސް ނެތެވެ. ފަލަސްތީނަށް އުފަން ގާނޫނީ ވަކީލު، ޖިހާދު ކަފަރުނާއަކީ އެ ހިތްދަތި ކަމުގައި ހަޔާތުގެ ބާކީ ދުވަސްތައް ގުނަން މަޖުބޫރުވެފައިވާ މީހެކެވެ.
ޖިހާދުގެ ތުއްތު ދަރިފުޅު މި ދުނިޔެއަށް އުފަންވިއިރުވެސް އޮތީ މަރުވެފައެވެ. ބަނޑަށް 8 މަހުގައި ވިހޭ ދަރިފުޅުގެ ގަބުރު އުރާލައިގެން އިނދެ، ކަފުނެއްގައި ޖިހާދު ލިޔަމުން ދިޔައީ "އަހަރެންގެ ހިތް، އަހަރެންގެ ހިތުގެ ވިންދު" މިހެންނެވެ. އެ ކަފުނަކީ، ޖިހާދުގެ ލޯބިވާ އަނބިމީހާގެ ހަށިގަނޑު ލާފައި އޮތް ކަފުނެވެ.
އާނއެކެވެ. ތުއްތު ދަރިފުޅާއި އަނބިމީހާވެސް މި ދުނިޔެއާ އަބަދުގެ އަބަދަށް ވަކިވީއެވެ. މާބަނޑު އަނބިމީހާއާއި ދަރިފުޅު މަރުވެދިޔައީ، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ޔަހޫދީން ދިން ހަމަލާގައެވެ. މި ދުނިޔޭގައި މިހާރު ތިބި 3 ދަރިންނަށްވެސް އަނިޔާވިއެވެ. އެ 3 ކުދިންނަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދެވުނުއިރު، އަނިޔާވި ބޮޑުބޭބެއަކާ ބައްދަލުކޮށްލުމަށް އެދި އެތަނުން އެއްކުއްޖަކު ރޮއި އާދޭސްކުރަމުން ދިޔައެވެ.
އަހަރެންގެ ބޮޑުބޭބެ ގެނެސްދީ! އަހަރެން ގާތަށް ބޮޑުބޭބެ ގެނެސްދީ! އަހަރެމެންގެ ތެރޭން ޒަޚަމްވި ހަމައެކަނި މީހަކީ އެއީ. ބޮޑުބޭބެ އިނީ އިށީނދެލައިގެން. ބޮޑުބޭބެ އަހަރެން ގާތަށް ގެނެސްދީ.ފަލަސްތީނު ކުޑަކުއްޖެއް
އެ ހިތުގައި އަޅަމުން ދިޔަ ވޭނާއި، އެ މައުސޫމު ކުޑަކުއްޖާ ތަޖުރިބާކުރި ބިރުވެރިކަމާއި ނަމާންކަން، މިހެން ބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟
އަހަރެމެންނަށް ހަމަލާ އަމާޒުކުރިއިރު، އަހަރެމެން ތިބީ ނިދާފަ. މަންމަވެސް ބައްޕަވެސް އޮތީ އެތާ.ފަލަސްތީނު ކުޑަ ކުއްޖެއް
އަމިއްލަ ގައުމުގެ މިނިވަންކަމުގެ ހައްގުގައި މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާގެ ރައްދުގައި ކަމަށް ބުނެ، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކަށް 3 ހަފުތާ ވީއިރުވެސް ހުއްޓުމެއް ނާދެއެވެ. ހައްތަހާ ކުރަނީ ގަދައެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މި ދުނިޔެ ދޫކުރި މީހުންގެ އަދަދު 8000ށްވުރެ މައްޗަށް އަރައެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާއަށް އަމާޒުކޮށްގެން އިޒްރޭލުން މި ފަހުގެ ހަމަލާތައް ދޭންފެށިފަހުން، 1.4 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ޣައްޒާއާ މުޅި ދުނިޔެއާ ދެމެދު އޮތް މުވާސަލާތީ ގުޅުންވެސް އިޒްރޭލުން މިހާރު ވަނީ މުޅިންހެން ކަނޑާލާފައެވެ. އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ދިރިހުރުމުގެ ހައްގުން ފެށިގެންގޮސް، ޒަރޫރީ އެތައް ހައްގެއް ނިގުޅައިގެންފައި ވާއިރު، ޣައްޒާގެ ހަގީގީ ހާލަތު މިއަދު ބަޔާންކުރަންވެސް ދައްޗެވެ.