ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 11:02
ހަމާސްގެ ވަފުދު ރަޝިޔާގައި
ހަމާސްގެ ވަފުދު ރަޝިޔާގައި
ދި ޓައިމްސް އޮފް އިޒްރޭލް
ހަމާސްގެ ވަފުދެއް ރަޝިޔާއަށް ދިޔުން
ހަމާސްގެ ވަފުދެއް ރަޝިޔާގައި
މޮސްކޯއަށް ގޮސްފައިވާ ހަމާސްގެ ވަފުދުގައި އެޖަމާއަތުގެ ސީނިއަރ މެންބަރެއްކަމުގައިވާ އަބޫ މަރުޒޫގު ހިމެނޭ
އިރާނުގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރު އަލީ ބާގިރީ ޚާނި ވެސް މޮސްކޯއަށް ވަޑައިގަންނަވާފައިވޭ
ރަޝިޔާއިން ހަމާސްގެ ވަފުދަށް މަރުހަބާ ކިޔުމުން އިސްރާއީލުން ވަނީ އެކަން ކުށްވެރިކޮށްފައި

ފަލަސްތީނުގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ ވަފުދެއް ރަޝިޔާއަށް ޒިޔާރަތްކޮށްފިއެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިޔާ އާރުއައިއޭ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި މޮސްކޯއަށް ގޮސްފައިވާ ހަމާސްގެ ވަފުދުގައި އެޖަމާއަތުގެ ސީނިއަރ މެންބަރެއްކަމުގައިވާ އަބޫ މަރުޒޫގު ހިމެނެއެވެ.

ރަޝިޔާ އިން އަންނަނީ މެދުއިރުމަތީގެ މުހިންމު ހުރިހާ ފަރާތްތަކާއެކު ވެސް ގުޅުން ބާއްވަމުންނެވެ. އެގޮތުން އިސްރާއީލު، އިރާނު، ފަލަސްތީނު އަދި ހަމާސް އާއެކު ރަޝިޔާއިން ގުޅުން ބާއްވައެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްވުމަން ބުނެފައިވަނީ އިރާނުގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރު އަލީ ބާގިރީ ޚާނީ ވެސް މިވަފުދާއެކު މޮސްކޯއަށް ވަޑައިގަންފައިވާކަމަށެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާއިން ތަކުރާރުކޮށް ބުނަމުން އަންނަނީ ހާލަތު ގޯސްވެފައިވަނީ އެމެރިކާއިން ގެންގުޅެމުންދާ ފެއިލްވެފައިވާ ސިޔާސަތުގެ ސަބަބުންކަމަށެވެ. އަދި ރަޝިޔާއިން ވަނީ ވަގުތުން ހަމަލާތައް ހުއްޓާލާ އަލުން ސުލްހައިގެ ވާހަކަތައް ފެށުމަށް ގޮވާލާފައެވެ.

ރަޝިޔާއިން ހަމާސްގެ ވަފުދަށް މަރުހަބާ ކިޔުމުން އިސްރާއީލުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އިސްރާއީލުން ބުނެފައިވަނީ ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށާއި އެއީ އައިސިސްއަށް ވުރެވެސް ގޯސް ޖަމާއަތެއްކަމަށެވެ.

ހަމާސްގެ ވަފުދެއް ރަޝިޔާއަށް ގޮސްފައިވަނީ އަސީރުންގެ ގޮތުގައި ހަމާސް އިން ގެންގުޅޭ މީހުންގެ ތެރޭގައި ތިބި ރަޝިޔާގެ ރައްޔިތުން ދޫކޮށްލުމުގެ މަޝްވަރާތައް ކުރުމަށްކަމަށް އަލްޖަޒީރާއިން ބުނެއެވެ. މީގެކުރިންވެސް ހަމާސްގެ ވަފުދުތައް ރަޝިޔާއަށް ގޮސްފައިވެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކުގައި 200ށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައިވާއިރު އޭގެތެރެއިން 4 މީހަކު ވަނީ މިހާތަނަށް ދޫކޮށްލާފައެވެ.

- ކޮމެންޓް