ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 07:10
ބާސެލޯނާގެ ކޯޗު ޒަވީ
ބާސެލޯނާގެ ކޯޗު ޒަވީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
އަނިޔާ އަދި ކްލެސިކޯ އިން ބާސެލޯނާ އަށް ބަހަނާއެއް ނެތް: ޒަވީ
 
ޒަވީ ބުނީ، މިއީ ޗެމްޕިއަންސް ލީގު ކަމަށާއި، މި މުބާރާތަކީ ކުލަބުތަކަށް އޮތް އެންމެ ބޮޑު މުބާރާތް ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ނުކުންނައިރު، އަނިޔާގެ މައްސަލަތަކާއި، ކްލެސިކޯ މެޗަކީ ބާސެލޯނާ އަށް ދެއްކޭނެ ބަހަނާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ކުޅޭ މެޗަށްފަހު، އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ބާސެލޯނާ ނުކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޒަވީ ބުނީ، މިއީ ޗެމްޕިއަންސް ލީގު ކަމަށާއި، މި މުބާރާތަކީ ކުލަބުތަކަށް އޮތް އެންމެ ބޮޑު މުބާރާތް ކަމަށެވެ. ޒަވީ ބުނީ ޗެމްޕިއަންސް ލީގު މެޗަށްފަހު، ތިން ދުވަސް ފަހުން ކްލެސިކޯ މެޗަށް ނުކުންނައިރު، ބާސެލޯނާ އަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށެވެ. އޭނާ ބުނީ ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޚާއްސަކޮށް މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިޔުމަކީ ބާސެލޯނާ އަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ޒަވީ ބުންޏެވެ.

އަނިޔާގައި ތިބި ކުޅުންތެރިންނާ ބެހޭ ގޮތުން ޒަވީ ބުނީ، ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި އެ ކުޅުންތެރިން ނުހިމަނާނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެ ކުޅުންތެރިންގެ ޙާލަތު ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށާއި، އެ ކުޅުންތެރިން ލައްވާ ކުޅުވާނީ އަނިޔާ އިން މުޅިން ރަނގަޅުވުމުން ކަމަށެވެ. ޒަވީގެ އުންމީދަކީ ރެއާލާ ދެކޮޅަށް ކުޅޭ މެޗުގައި އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަށް ކުޅެވުމެވެ. ނަމަވެސް އެކަން ވެސް ބިނާވެގެން ދާނީ ކުޅުންތެރިން ތިބޭ ޙާލަތެއްގެ މައްޗަށް ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

ބާސެލޯނާ އިން ބުދަ ދުވަހުގެ ރޭ ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ނުކުންނައިރު، މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ އެ ޓީމު އޮތީ ހަ ޕޮއިންޓާއެކު އެއް ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެފްސީ ޕޯޓޯ އަށް ލިބެނީ ތިން ޕޮއިންޓެވެ. ތިން ވަނައިގައި ޝަޚްތަރު ޑޮނެސްކަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް