ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 14:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ އިދާރާގެ ބަޖެޓް
މަޖިލީހުގެ އިދާރާ އަށް ކުރިއަށް އޮތް 2024 ވަނަ އަހަރަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް
ފުރަތަމަ ކޮމިޓީ އަށް ހުށަހަޅާފައި ވަނީ 186.7 މިލިއަން ރުފިޔާގެ ބަޖެޓެއް
އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 5.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް ކުރިއަށް އޮތް 2024 ވަނަ އަހަރަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް މަޖިލީހުގެ ބަޖެޓުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައެވެ. މަޖިލީހުގެ އިދާރާއިން އެންމެ ފުރަތަމަ ކޮމިޓީ އަށް ހުށަހަޅާފައި ވަނީ 186.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ދޭ ބައެއް އެލަވަންސްތައް އަންނަ އަހަރުން ފެށިގެން ބޮޑުކުރަން ފަހުން ވަނީ ހުށަހަޅާފައެވެ. އެގޮތަށް ނިންމާފައި ވަނީ ފާއިތުވި 11 އަހަރު މަޖިލީހުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީ، މުސާރަ ބޮޑުކުރަން ފެންނަކަމަށް ކޮމިޓީން ދިން ލަފާގެ މަތިންނެވެ.

އެކަމާއި ގުޅޭ ގޮތުން ކުރި މަޝްވަރާތަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުސޫލަށް ބަދަލު ގެނެސް މުވައްޒަފުންގެ އެލަވަންސްތައް ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ. އެކަމަށްޓަކައި 5.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެ އިތުރުން ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ޚަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ މަޖިލީހުގެ އިދާރާގެ ބަޖެޓްގައި ހިމަނާ ދީފައިވެއެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދޭ 200 ރުފިޔާގެ އެލަވަންސް، ހާޒިރީ އެލަވަންސަށް ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ. އެއާއެކު އެ އެލަވަންސަށް ކިޔާނީ ޕާލިމަންޓްރީ ސަރވިސްއެވެ. އަދި ޕާލިމަންޓްރީ ސަރވިސް އެލަވަންސްގެ ގޮތުގައި ބޭސިކްގެ މުސާރައިގެ 20 ޕަސެންޓް ދިނުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ޑިޕްލޮމާ ސެޓްފިކެޓް އޮންނަނަމަ 1،000 ރުފިޔާ، ޓެކްނިކަލް ސެޓްފިކެޓް އޮންނަނަމަ 700 ރުފިޔާ، ޑިގްރީ ސެޓްފިކެޓް އޮންނަނަމަ 1،500 ރުފިޔާ، މާސްޓަރސް ސެޓްފިކެޓެއް އޮންނަނަމަ 2،000 ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ. މިއީ މިހާރު ދޭ އެލަވަންސްތަކަށްވުރެ ބޮޑެތި އަދަދުތަކެކެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަދަދަކީ 164 އެވެ.

- ކޮމެންޓް