ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 05:20
ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ މާކް ގީއޫ
ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ މާކް ގީއޫ
ރޮއިޓާސް
ބާސެލޯނާ
މާކް ގީއޫގެ ހުނަރާމެދު ޒަވީ ހިތްހަމަ ޖެހިފައި
 
ކުޅެން ނިކުމެ، 33 ސިކުންތުގެ ތެރޭގައި އޭނާ ވަނީ ލަނޑު ޖަހައި، މެޗުން ބާސެލޯނާ މޮޅު ކޮށްދީފައި

މާކް ގީއޫ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ހުނަރާމެދު ހިތްހަމަ ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި އުމުރުން 17 އަހަރުގެ މާކް ގީއޫ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެފަ އެވެ. ކުޅެން ނިކުމެ، 33 ސިކުންތުގެ ތެރޭގައި އޭނާ ވަނީ ލަނޑު ޖަހައި، މެޗުން ބާސެލޯނާ މޮޅު ކޮށްދީފަ އެވެ. މިއީ ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް ކުޅުންތެރިޔަކު އެންމެ އަވަހަށް ލަނޑު ޖަހައިދިން ފަހަރެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ، މާކް ގީއޫ އަކީ ލަނޑު ޖަހާނެ ފެންވަރު ހުރި، ގޯލާ ރައްޓެހި ކުޅުންތެރިޔެއް ކަމަށެވެ. ޚާއްސަކޮށް ޒުވާން އުމުރުގައި އޭނާގެ ކިބައިން ފެންނަނީ މުސްތަޤުބަލު އުޖާލާވާނެ ފެންވަރުގެ ހުނަރު ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ. އެހެންކަމުން މާކް ގީއޫއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، އޭނާ އަށް ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޒަވީ ބުންޏެވެ.

އިތުރަށް ޒަވީ ބުނީ ބާސެލޯނާގައި އަނިޔާގެ މައްސަލަތަކެއް އޮތްއިރު، ދެން ލިބެން ހުރި ކުޅުންތެރިންނަށް ބަލާއިރު، ހައްތަހާ ވެސް އޭނާ އަށް ފެންނަނީ ހުނަރުވެރި ކުޅުންތެރިން ކަމަށް ޒަވީ ބުންޏެވެ. އޭނާ ބުނީ މާކް ގީއޫ އަކީ އޭގެ ތެރެއިން ކުޅުންތެރިޔެއް ކަމަަށާއި، ބާސެލޯނާ އިން މަސައްކަތް ކުރާނީ މިހާރުގެ ޒުވާން ކުޅުންތެރިން މުަސްތަޤުބަލުގައި މޮޅެތި ބަޔަކަށް ހެދުމަށް ކަމަށެވެ. ޚާއްސަކޮށް މިހާރު ވެސް ބާސެލޯނާގައި ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބިކަން ޒަވީ ވަނީ ފާހަގަކޮށްފަ އެވެ.

އޭނާ ބުނީ މެޗުގައި ބާސެލޯނާ އިން ރަނގަޅަށް ކުޅުނު ކަމަށާއި، ނަމަވެސް ލިބޭ ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި ނިންމާލުމުގައި އުނދަގޫތަކެއް ކުރިމަތިވިކަން ފާހަގަވެފައިވާ ކަމަށެވެ. އޭނާ ބުނީ ސްޕެނިޝް ލީގުގައި ދެން ކުރިއަށް އޮތީ އެންމެ މުހިންމު އެއް މެޗު ކަމަށާއި، އެ މެޗުން ތިން ޕޮއިންޓު ހޯދުން ކޮންމެހެން ވެސް މުހިންމު ކަމަށެވެ. ސްޕެނިޝް ލީގުގައި އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ބާސެލޯނާ ނިކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ، ބާސެލޯނާ އަށް އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮންނާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް