ލޯނު އުސޫލެއްގެ ދަށުން ކުލަބު ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
މެސީ މިހެން ބުނީ، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) ގެ އައު ސީޒަނެއް ފަށަންދެން، އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. އެމެރިކާ ލީގުގެ ޕްލޭ އޮފުން އިންޓަ މިއާމީ އަށް ވަނީ ޖާގަ ގެއްލިފަ އެވެ.
އެކަމާ ގުޅިގެން ވާހަކަ ދައްކަމުން މެސީ ބުނީ، މި ސީޒަންގައި އިންޓަ މިއާމީން ހޯދި ނަތީޖާއާމެދު އޭނާ ފަޚުރުވެރިވެ، އުފާވާ ކަމަށެވެ. ޚާއްސަކޮށް މި ސީޒަންގައި އެ ކުލަބަށް ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކުރެވުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މެސީ ވަނީ ބުނެފަ އެވެ. އެއާއެކު ޕްލޭ އޮފްގެ ޖާގައެއް ހޯދުމަށް ކުރި މަސައްކަތުގައި އެކަމާ ވަރަށް ގާތަށް ދެވުނުކަން ވެސް މެސީ ވަނީ ފާހަގަކޮށްފަ އެވެ. އިތުރަށް އޭނާ ބުނީ މިއާމީގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި، އެ ޓީމު ދޫކޮށް، ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ހަމައެކަނި ވިސްނުން ހުރީ މިއާމީ އަށް ފޯކަސްކޮށްގެން، އެކުލަބާއެކު ކުރިއަށް އޮތް ތަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ކާމިޔާބީ އަށް ވާސިލްވުމަށް ކަމަށް ވެސް މެސީ ވަނީ ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި މިއާމީގައި އޮތް ޓީމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވޭ މަސައްކަތާއެކު، ކާމިޔާބަށް ވާސިލްވެވޭނެ އެވެ.
ފްރާންސްގެ ގަދަ ބާރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ހުރުމަށްފަހު މެސީ މިއާމީ އަށް ބަދަލުވީ މިއަހަރު އެވެ. އޭނާ މިއާމީ އަށް ބަދަލުވީ، އަލުން އޭނާ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ބާސެލޯނާ އިން ކުރަމުން ވެސް އަންނަނިކޮށެވެ. ނަމަވެސް އެކަމުގައި ބާސެލޯނާ އަށް އެއްވެސް އަލި މަގެއް ނުފެނި، އެންމެ ފަހުން މެސީ މިއާމީ އަށް ބަދަލުވީ އެވެ.
މިއާމީ އަށް ބަދަލުވެ މެސީ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ މިހާތަނަށް މިއާމީ އަށް ކުޅެދިން 14 މެޗުން، 11 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު މެސީ ވަނީ މިއަހަރު އެމެރިކާ ލީގްސް ކަޕް ކާމިޔާބުކޮށްފަ އެވެ. މި ތައްޓާއެކު އޭނާ ވެފައި ވަނީ ކެރިއަރުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާ އަށެވެ. އެއީ ޖުމުލަ 44 ތައްޓެވެ. އޭނާ ވަނީ ބާސެލޯނާ އާއެކު 35 ތަށި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ތިން ތަށި، އާޖެންޓީނާ އާއެކު ފަސް ތަށި އަދި މިއާމީ އާއެކު އެއް ތަށި ކާމިޔާބުކޮށްފަ އެވެ.