ސައުދީ ޕްރޯ ލީގުގައި ޑަމަކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަސްރުން ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ޑަމަކާ ދެކޮޅަށް ނިކުތްއިރު އަލް ނަސްރު އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ޑަމަކާ ދެކޮޅަށް ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޑަމަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖޯޖެސް ކެވިން އެން ކޫޑޫ އެވެ. ޑަމަކުން ލަނޑު ޖަހައި ލީޑު ނެގުމުގެ ކުރިން އަލް ނަސްރަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރުވެފަ އެވެ. ޑަމަކުން ލަނޑެއް ޖަހައި ލީޑު ނަގާފައި ވަނިކޮށް، އަލް ނަސްރުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މޮޅުވެފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އަލް ނަސްރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބްރެޒިލްގެ ޓަލިސްކާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި، މެޗުން މުހިންމު ތިން ޕޮއިންޓު ހޯދައިދިނީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މި ސީޒަންގެ ސައުދީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް، އޭގެ ފަހުން އަލް ނަސްރު އަންނަނީ ލީގުގައި މޮޅަށް ކުޅެމުންނެވެ. މިހާތަނަށް ކުޅުނު 10 މެޗުން އަލް ނަސްރަށް ލިބެނީ 22 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އަލް ތާވޫނާ ދެމެދު މިހާރު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ. އެއް ވަނައިގައި އޮތް އަލް ޙިލާލާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.