ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 09:12
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން
އަލްޖަޒީރާ
ޤަތަރުގެ މައްސަލަ
ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް
ސައުދީ އަރަބިއާ އާއި ޤަތަރުގެ އިތުރުން ކުވައިތަށް ވަޑައިގަންނަވާނެ
ސައުދީ ކޯލިޝަނާއި ޤަތަރާއި ދެމެދު އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް މަޝްވަރާ ކުރައްވާނެ
ސައުދީ ރަސްގެފަނާއި ޤަތަރުގެ އަމީރާއިއެކު އުރުދުޣާން މަޝްވަރާ ކުރައްވާނެ

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން، ގަލްފުގެ ބައެއް ޤައުމުތަކަށް ކުރައްވާ ދެދުވަހުގެ ދަތުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ސައުދީ އަރަބިއާ އާއި ޤަތަރުގެ އިތުރުން ކުވައިތަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

އުރުދުޣާންގެ އޮފީހުން އިޢުލާނު ކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި އުރުދުޣާން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ކުވެއިތަށެވެ. ސައުދީ ކޯލިޝަނާއި ޤަތަރާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް، މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ކުވެއިތާ އެކު، އެ މަސައްކަތް ހަލުވިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން އުރުދުޣާން މަޝްވަރާ ކުރައްވާނެއެވެ.

ކުވެއިތަށް ފަހު އުރުދުޣާން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސައުދީ އަރަބިއާއަށެވެ. އުރުދުޣާންގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައި ވަނީ ޤަތަރުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ގަލްފުގެ މައްސަލައަށް އަވަސް ހައްލެއް ހޯދިދާނެ ގޮތްތަކާ ގުޅޭ ގޮތުން ސައުދީ ރަސްގެފަނާއި ޤަތަރުގެ އަމީރާ އެކު އުރުދުޣާން މަޝްވަރާ ކުރައްވާނެއެވެ.

ފަހުގެ ތާރީހެއްގައި އުފެދިފައި ނުވާވަރުގެ މައްސަލަތަކެއް ގަލްފުގައި އުފެދިފައިވަނީ، ޤަތަރުން ޓެރަރިޒަމަށް ވާގިވެރިވާކަމަށްބުނެ، ސައުދީ އަރަބިއާ އާއި، ސައުދީ ރަސްކަމުގެ ނުފޫޒުއޮންނަ ބައެއް ޤައުމުތަކުން ޖޫން މަހުގެ ކުރީކޮޅު ޤަތަރާއި ގުޅުން ކަނޑާލުމާއި ގުޅިގެންނެވެ. ގުޅުން ކަނޑާލުމަށް ފަހު ސައުދީ ކޯލިޝަނުން ވަނީ ޤަތަރާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލެއްގެ ގޮތުން ސައުދީ ކޯލިޝަނުން ޤަތަރަށް ކަންތައްތަކެއް ހުށަހަޅާފައިވާއިރު، އޭގެތެރޭގައި ތުރުކީން ޤަތަރުގައި ބިނާކުރަމުންދާ އަސްކަރީ ބޭސްގެ މަސައްކަތް ހުއްޓައިލުން ވެސް ހިމެނެއެވެ.

ބެލެވޭ ގޮތުގައި ރައީސް އުރުދުޣާންގެ ދަތުރުފުޅުގައި މި ބޭސްއާ ގުޅޭ ގޮތުން ސައުދީ އާއި މަޝްވަރާ ކުރައްވާނެއެވެ.

- ކޮމެންޓް