މި ފަހަކަށް އައިސް ބައިނަލްއަޤުވާމީ މީޑިއާގައި އީރާނުގެ ނަން އިވެމުން ގޮސްފައި ވަނީ އަންހެނުންގެ ޙައްޤުތައް އިންތިހާއަށް ހަނިކޮށް، އަންހެނުންގެ މިނިވަންކަމަށް ހުރަސް އަޅާ ޤައުމެއްގެ ގޮތުގައެވެ. ހުޅަނގުގެ ބޮޑު ކޮންޓްރޯލެއް އޮންނަ މީޑިއާ ޕްލެޓްފޯމްތަކުގައި އެފަދަ ރޫޙެއްގައި ވާހަކަ ދެކެވެމުން ދިޔަ ކަމުގައި ވީ ނަމަވެސް، އެއީ އަދި އީރާނުގައި ކަން ހިނގަމުން ދާ ގޮތް ނޫން ކަން ސާބިތު ކޮށްދެމުން ދާ އެކަކީ އަލީހް މަންސޫރިއަންއެވެ.
މަންސޫރިއަންއަކީ ވޫޝޫ ނުވަތަ ޗައިނީޒް ކަންގްފޫގެ މައިދާނުގައި ދުނިޔޭގެ ޗެމްޕިއަންއެކެވެ. ޗައިނާގެ ޘަޤާފީ މާޝަލް އަރޓްސް ކުޅިވަރެއް ކަމަށް ވާ ވޫޝޫ އެތުލީޓެއްގެ ގޮތުގައި އޭނާ ހޯދަމުން ދާ ކާމިޔާބީތައް ވެފައި ވަނީ، އީރާނުގެ އަންހެން އެތުލީޓުންނަށް ލިބޭ ހިތްވަރަކަށެވެ. ޗައިނާގެ ވެރިރަށް ބީޖީންގްގައި، ބައިނަލްއަޤުވާމީ ވޫޝޫ ފެޑަރޭޝަން ޤާއިމު ކުރީ 1990 ވަނަ އަހަރުއެވެ. އެ ފެޑަރޭޝަންގެ 37 މެންބަރުންގެ ޕޫލުން އީރާނު ޖާގަ ހޯދީ އޭގެ އަހަރެއް ފަހުންނެވެ. އޭގެ ފަހުން، އީރާނުގެ ޒުވާން ޖީލަކީ ވޫޝޫއިން ދަސްކޮށްދޭ އަމިއްލަ ނަފުސުގެ ދިފާޢީ ހުނަރުތަކަށް ޝަޢުޤުވެރިވާ އާބާދީއަކަށް އޮތީ ވެފައެވެ.
ފަޤީރު ޢާއިލާއަކަށް އުފަންވި މަންސޫރިއަން، އޭނާގެ ދިރިއުޅުން ހެޔޮ ފާލަކަށް އަނބުރާލުމަށް ޢަޒުމު ކަނޑައެޅީ ވަރަށް ޅަ ޢުމުރެއްގައެވެ. އީރާނުގެ ޤައުމީ ވޫޝޫ ޓީމުން ޖާގައެއް ހޯދުމުގެ ޢަޒުމުގައި ތެދުވި އިރު، އޭނާގެ ޢުމުރަކީ އެންމެ 14 އަހަރެވެ. ނަމަވެސް، އެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރިމަތިލާން ޖެހުނީ، ގިރާ ކުރަން މާ ފަސޭހަ ހުރަސްތަކަކާއި ނޫނެވެ.
އަންހެން ކުއްޖަކު، އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި، ތެޅުމުގެ ރޮނގުން ކުރިއަށް ދެވިދާނެކަން ގޭ މީހުންނަސް ވިސްނައި ދިނުން ވީ ވަރަށް ދަތި ކަމަކަށް. ކޮލިފައިންގް ރައުންޑުތަކުގައި ބައިވެރިވާން، ތެހްރާންއަށް ދަތުރު ކުރަން ޓިކެޓު ގަތުމަކީވެސް އޭރު ހަމަ ބޮޑު ތަކުލީފެއް.އަލީހް މަންސޫރިއަން؛ އީރާނުގެ ވޫޝޫ އެތުލީޓެއް
ކުރިމަތިލާންޖެހުނު ހުރަސްތައް ގިރާ ކުރަމުން، މައިދާނުގައި ސާބިތުވެ ހުރެ، ވަރުގަދަ ޢަޒުމެއްގައި މަސައްކަތް ކުރަމުން ގޮސް ޤައުމީ ޓީމާ ހިސާބަށް މަންސޫރިއަން ދަތުރު ކުރިއެވެ. ކާމިޔާބުވެސް ހޯދިއެވެ. އެ ހަނދާންތަކަކީ މިއަދުވެސް އޭނާގެ ސިކުނޑީގައި ތާޒާ ކަމާއެކު ރައްކާ ކުރެވިފައި ވާ ހަނދާންތަކެކެވެ.
އީރާނުގެ ޤައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި 2008 ވަނަ އަހަރުން ފަށައިގެން މަސައްކަތް ކުރަމުން ދަނީ ޗައިނާގެ ރައްޔިތެއް ކަމަށް ވާ ޕޭންގް ޔޭންއެވެ. ޤައުމީ ޓީމާ މަންސޫރިއަން ގުޅުނު ފަހުން ވިދިގެން އައި 7 އަހަރު، މަންސޫރިއަންގެ މެންޓޯއެއްގެ ގޮތުގައިވެސް ހުރީ އޭނާއެވެ.
2 ދައްތައަކާއި އެކީ އަހަރެން މަސައްކަތް ކުރަމުން ދިޔައީ، ކޮންމެ މީހަކަށްވެސް އަންގި ޖޯޑެއް ގަނެވޭ ވަރު ކުރަން. މުބާރާތުގަ ވާދަ ކުރަން ފައިސާވެސް ދައްކަން ޖެހޭ ވިއްޔާ. އަހަރަމެންނަށް ޤައުމީ ޓީމާ ހިސާބަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ މަންމަގެ ފަރާތުން ލިބުނު އެއްބާރުލުން. އެހާ ހިސާބުން ޕޭންގެ ޔާން އާ ބައްދަލުވީ... އަހަރެން އޭނަ ސިފަ ކުރާނީ އަމިއްލަ ދައްތައެއްގެ ގޮތުގަ. ވޫޝޫގެ މައިދާނުގަ އީރާނު ކުރިއަރުވަން އޭނާ ވަރަށް އެހީވި. ޗައިނާއާ ދެކޮޅަށް ވަރުގަދަ އިދިކޮޅު ބައިވެރިއެއްގެ ގޮތުގަ އަހަރަމެން ތަމްރީނު ކޮށްދިނީވެސް ހަމަ އޭނަ. މިއަދު އަހަންނަށް އެބަ ރަނގަޅު އާމްދަނީއެއްވެސް ލިބޭ. މިއަދު ކުޅިވަރުގެ މައިދާނުގަ މިއުޅެނީ، މިކަމަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން. އަހަރަމެންގެ ދިރިއުޅުން މިއަދު ވަރަށް އުޖާލާވެއްޖެ. އީރާނުގެ ޒުވާނުންނާއި އެތުލީޓުންނަށް ނަމޫނާއެއްގެ ގޮތުގައި ދިރިއުޅެވޭތޯ އަބަދުވެސް މި ބަލަނީ. އެމީހުންނަށް އަންގައިދޭން ބޭނުން ވަނީ، ޢަޒުމެއް އޮވެ، އެކަމަކަށް މަސައްކަތް ކުރާ ކަމަށް ވަންޏާ، ހަމަ ކޮންމެ ޢަމާޒަކަށްވެސް ވާސިލުވެވިދާނެކަން.އަލީހް މަންސޫރިއަން؛ އީރާނުގެ ވޫޝޫ އެތުލީޓެއް
ޕޭންގް ޔޭންގެ އިރުޝާދުގެ ދަށުން މަންސޫރިއަން ވަނީ 3 ފަހަރެއްގެ މަތިން ދުނިޔޭގެ ޓައިޓަލް އުފުލާލާފައެވެ. އަދި އޭޝިއަން ގޭމްސްގައި 4 މެޑަލްވެސް ކަށަވަރު ކުރިއެވެ. މަންސޫރިއަންގެ ހިތުގައި، ޕޭންގް ޔޭންއަށް ދީފައި އޮންނަނީ ވަރަށްވެސް ޚާއްޞަ މަޤާމެކެވެ.
ޗައިނާގައި މިއަހަރު ކުރިއަށް ގެންދިޔަ އޭޝިއަން ގޭމްސްގައިވެސް އީރާނުގެ އަންހެން ވޫޝޫ އެތުލީޓުން ވަނީ ރަން ވަނަތަކެއް ހޯދާފައެވެ. ނަމަވެސް، އެ ވާހަކަތަކާއި މަންޒަރުތަކަށް، ބައިނަލްއަޤުވާމީ މީޑިއާއިން މާ ބޮޑު ފުރުޞަތެއް ދީފެއް ނެތެވެ.