ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ މައާފް ދިނުމުގެ ބާރު ބޭނުންކުރައްވައިގެން މައާފްދެއްވަނީ އާއިލާ މެމްބަރުންނާއި އަރިސް ބޭފުޅުން އަދި އަމިއްލަ ނަފްސަށް ކަމަށް ރިޕޯޓް ތައް ބުނަމުން ދަނިކޮށް، މައާފް ދިނުމުގެ "ފުރި ހަމަ ބާރު" ލިބިވައިޑައިގެންފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނދާންކޮށްދެއްވައިފިއެވެ.
ޑެމޮކްރެޓިކް ޕާޓީގެ ތަރުޖަމާނު ވަނީ އެ ރިޕޯޓްތަކަކީ "އިންތިހާއަށް ދަތިފުޅުވާ" ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ އިދާރާ ތަކުން ގެންދަނީ ރައީސް ޓްރަމްޕްގެ ކެމްޕެއިން ޓީމާ ރަޝިއާއާ ދެމެދު އެއްވެސް ގުޅުމެއް އޮތްތޯ ތަހުގީގު ކުރަމުންނެވެ. އިންޓެލިޖެންސް އިދާރާތަކުން ތުހުމަތު ކުރަނީ ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް އެހީވުމަށް ރަޝިއާއިން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ރަޝިއާއިން މި ތުހުމަތުތައް ދޮގުކުރާއިރު ރައީސް ޓްރަމްޕް ވެސް ގެންދަވަނީ އެފަދަ ގުޅުންތަކެއް ނެތް ކަމަށް ބުނަމުންނެވެ.
ވޮޝިންގޓަން ޕޯސްޓުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމަޕްއާ އެ މަނިކުފާނުގެ ޓީމުން ގެންދަނީ އެ މަނިކުފާނާ ގާތް މީހުންނަށް މައާފް ދެވޭނެ ގޮތްތަކެއް ބަލަމުންނެވެ.
މީހެއްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ކުރިން ނުވަތަ ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވި ދައުވާ އުފުލުމުގެ ކުރިން ވެސް ރައީސުލް ޖުމްހޫރިއްޔާއަށް މައާފް ދެއްވިދާނެއެވެ.
ސެނޭޓްގެ ހައުސް އިންޓެލިޖެންސް ކޮމިޓީގައި އިންނަވާ ޑެމޮކްރެޓިކް ޕާޓީގެ މެމްބަރު މާކް ވޯނަރ ވިދާޅުވީ "ކުށެއްގައި ބައިވެރިވެފައި ވެދާނެ އެއްވެސް ފަރުދަކަށް މައާފް ދިނުމަކީ އަސާސީ އުސޫލާ ޚިލާފްވުން،" ކަމަށެވެ.
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް މައާފް ދިނުމުގެ ފުރިހަމަ ބާރު ލިބިފައިވާކަން އެނގިތިބެ އެ ބޭފުޅުންނާ ދެކޮޅަށް މިހާތަނަށް ލީކުވީ ހަމައެކަނި ކުށުގެ ވާހަކަ ލީކުވުމުން އެ ވާހަކަ ދައްކަވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. މި ޓްވީޓްގައި ވެސް މީޑިއާއަށް ހަމަލާ ދެއްވާ "ފޭކް ނިއުސް" ލިޔުއްވާފައި ވެއެވެ.