ހަމާސްގެ ހަނގުރާމަވެރިން އަސީރުންގެ ގޮތުގައި ގެންގުޅެމުންދިޔަ އެމެރިކާގެ ދެ ރައްޔިތުން ދޫކޮށްލާފައިވާކަމަށް އެޖަމާއަތުން ބުނެފިއެވެ.
ހަމާސް އިން ދޫކޮށްލާފައިވަނީ މަންމަ އަކާއި އޭނާގެ ދަރިފުޅެވެ. ޖުޑިތް އާއި ނަތާލީ ރައިނިން ހަމާސްއިން ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ދެކުނު ސަރަހައްދަށް ދިން ހަމަލާތަކުގެ ތެރޭގައެވެ. ހަމާސް ހަނގުރާމަވެރިން އިސްރާއީލުގެ ސިފައިންނާއި އާންމުން ހިމެނޭ ގޮތުން 200ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްގެން ގެންދިޔައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދެ މީހުން ޣައްޒާގެ ބޯޑަރު ސަރަހައްދުން އިސްރާއީލުގެ މެދުގައި ހުންނަ އަސްކަރީ ބޭސް އަކަށް ގެންދިޔުމުގެ މަސައްކަތްކުރާ ކަމަށެވެ.
މިއީ ހަމާސް އިން ދޫކޮށްލި ފުރަތަމަ އަސީރުންނެވެ. ޤަތަރުގައި ހުންނަ ހަމާސްގެ އަސްކަރީ ވިންގުގެ ސްޕޯކްސްމަން އަބޫ އުބައިދާ ބުނީ އަސީރުން ދޫކޮށްލާފައިވަނީ ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިޔަށްގެންދިޔަ މަޝްވަރާތަކުގައިކަމަށެވެ. އަބޫ އުބައިދާ އިތުރަށް ބުނީ އަސީރުން ދޫކޮށްލީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އެމެރިކާގެ ސަރުކާރުން ހަމާސް އާއި ފަލަސްތީނާ ގުޅޭގޮތުން ދައްކަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ދުނިޔެއަށާއި އެމެރިކާގެ ރައްޔިތުންނަށް ސާބިތުކޮށްދިނުމާއެކު އިންސާނިއްޔަތަށްޓަކައި ކަމަށެވެ.
ހަމާސް އިން ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތުން ދޫކޮށްލުމާއި ގުޅޭ މަޝްވަރާތައް އެނގޭ ފަރާތަކާއި ހަވާލާދީ ރޮއިޓަސް އިން ބުނެފައިވަނީ އިތުރު މީހުން ދޫކޮށްލުމުގެ މަޝްވަރާތައް އަދިވެސް ކުރިޔަށްދާކަމަށެވެ. އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަދިވެސް އެމެރިކާގެ 10 މީހުން ހިމެނޭކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާގެ ދެ ރައްޔިތުން ހަމާސް އިން ދޫކޮށްލުމާއެކު ބައިޑަން ވަނީ ގަތަރަށް ޝުކުރު އަދާކުރައްވާ ބަޔާނެއް ނެރުއްވާފައެވެ. ގަތަރުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ވިދާޅުވީ އަސީރުން ދޫކޮށްލާފައިވަނީ މެދުކެނޑުމެއްނެތި އެތައް ދުވަހަކު ކުރިޔަށްދިޔަ މަޝްވަރާތަކަށްފަހު ކަމަށާއި އަދިވެސް އެމަޝްވަރާތައް ކުރިޔަށްދާކަމަށެވެ.
ރެޑް ކްރޮސް އިން ބުނާ ގޮތުގައި އަސީރުން ޣައްޒާއިން އިސްރާއީލަށް ގެންދިޔުމަށް އެމީހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހަމާސްއިން މީގެކުރިން ބުނެފައިވަނީ އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެހެން ގައުމުތަކުގެ މީހުންނަކީ މެހެމާނުންކަމަށާއި އެމީހުން މިނިވަންކުރާނެކަމަށެވެ. އިސްރާއީލު މީޑިޔާއިން މައުލޫމާތު ދޭ ގޮތުގައި މިނިވަންކޮށްފައިވަނީ އިސްރާއީލާއި އެމެރިކާގެ ޑުއަލް ޕާސްޕޯޓް އޮންނަ ދެ މީހުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނެފައިވަނީ ހަމާސްގެ އަތްދަށުގައިވާ ގިނަ އަސީރުން ދިރިތިބިކަމަށެވެ.
އިސްރާއީލުން ވަނީ ހަމާސް ވުޖޫދުން ފޮހެލާނެކަމަށް ބުނެ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. މުޅި ޣައްޒާ ބަންދުކޮށް ޒަރޫރީ ބޭނުންތަކުން އެކަހެރިކޮށް ޣައްޒާ ބާއްވާފައި އޮންނަތާ 15 ދުވަސްވެފައިވާއިރު ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ހަނގުރާމަ މެދުކަނޑާލާ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ.