ކ. މާލެ
|
20 އޮކްޓޯބަރ 2023 | ހުކުރު 13:50
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު
އަވަސް
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު
ކަންކަން ހާމަކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ވެސް، އޮޔާދާ ކަނދު ފައްޗެއްހެން ދަނީ އެވެ!
 
ނަނާ ހުވަފެނުން ފެނުނު، ވެރިކަމުގެ ޝާނާއި، ޝައުގަތުން ހިތަށް ލިބުނު ތަސައްލީގައި، އަމިއްލަ މީހާ ކިޔުއްވިހާ ޅެމެއް ފަރިއްސަށް ބަދަލުވުމުގެ ކޮޅުމަތި މިއޮށް ފެންނަނީ

އިދިކޮޅުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި، މިހާރުގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ، އެއްވެސް ކަމެއް ސިއްރު ނުކުރައްވާ ރައްޔިތުންނަށް ކަންކަން ބުނެދެއްވާނެ ވާހަކަ އެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފޮރުވައިގެން ކަންކަން ކުރާ ވާހަކަ އެންމެ ގަދަޔަށް ދެއްކެވި އެއް ބޭފުޅަކީ، އިންތިޚާބީ ރައީސް ޑރ.މުޢިއްޒު އާއި އެމަނިކުފާނުގެ ޓީމެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ދެއްވި ތަޤްރީރުގައި ވެސް މުޢިއްޒު ވިދާޅުވީ، އެއްވެސް ކަމެއް ސިއްރު ނުކުރައްވާ، ހުރިހާ ކަމެއް ހާމަ ކުރައްވާނެ ކަމަށެވެ.

ނަމަވެސް، ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށްދާއިރު އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ކަންކަން ހާމަކުރެއްވުމުގެ މަންޒަރެއް ނުފެނެ އެވެ. އިންތިޚާބީ ރައީސްގެ ތަރުޖަމާނުގެ ފަރާތުން ކޮންމެ ދުވަހަކު ބާއްވާނެ ކަމަށް ބުނެ، ފެށި ނޫސްވެރިންގެ ބައްދަލުވުން މިހާރު ވަޅުޖެހިއްޖެ އެވެ. ކޮންމެ ދުވާލަކު ބާއްވަން ވައުދުވި ނޫސްވެރިންގެ ބައްދަލުވުން ބޭއްވެނީ، ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށެވެ. އެންމެ ފަހުން ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރި ކަމަށް ބުނެ ވިދާޅުވީ، އިންތިޚާބީ ރައީސްގެ ބައްދަލުވުންތަކެއް އޮތުމުން، ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރީ ކަމަށެވެ.

ހަމަ އަޖައިބުވެ، އަންތަރީސްވެއްޖެ އެވެ. މިއޮއް ހުރިހާ ދުވަހު ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވީ އިންތިޚާބީ ރައީސް ކުރިފުޅުމަތީގައި ހެއްޔެވެ؟ ނޫން ނަމަ، ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ވަގުތު ފެންޑާގެ ޓީވީ ކުރިމަތީގައި އިންތިޚާބީ ރައީސް ބައިންދަވައިގެން ހެއްޔެވެ؟ ގައިމު އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ބައިވެރިވަނީއެއް ވެސް ނޫނެވެ. އިންތިޚާބީ ރައީސް ފުލުފުލުގައި ބައްދަލު ކުރުއްވުންތައް ކުރިއަށް ގެންދެވިއިރު ވެސް، ތަރުޖަމާނު ނޫސްވެރިންނާ ބައްދަލު ކޮށްފައި އެބަ ހުއްޓެވެ. ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާ ކެންސަލް ކުރަން ކޮންމެ ވެސް މޮޅު ބަހަނާއެއް ދައްކަނީ އެވެ.

ދެން އޮތީ ތަރުޖަމާނުގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ގޮތުގެ ވާހަކަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ބޮޑަށް ސިފަ ވަނީ ތަރުޖަމާނު ދައްކަވަން ބޭނުންވާ ވާހަކަ އެއް ދައްކަވާ ބައްދަލުވުމެއްގެ ގޮތުގަ އެވެ. ނޫސްވެރިޔަކު ސުވާލެއް ކުރި ނަމަވެސް، އެއަށް މާ އެދެވޭ ޖަވާބެއް ނުލިބެ އެވެ. އަނެއްކޮޅުން ސަރުކާރު ބަދަލުވުމުގެ މަރުޙަލާ އަށް އެކުލަވާލި އިންތިޤާލީ ކޮމެޓީގައި ފައްސަތޭކައަށް ވުރެ ގިނަ މެމްބަރުން ހިމެނޭއިރު، އެ ކޮމެޓީން ކުރަމުން އަންނަ މަސައްކަތުގެ މާ ބޮޑު ތަފްސީލެއް ވެސް ރައްޔިތުންނަކަށް ނުލިބެ އެވެ. މިއަދާ ހަމައަށް އައިއިރު، އިންތިޤާލީ ކޮމެޓީން ސަރުކާރުގެ އެކި އެކި ވުޒާރާތަކާއި، ކުންފުނިތަކާ ބައްދަލު ކޮށްފައިވާއިރު، އެ ބައްދަލުވުންތަކުގެ ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.

އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން މިކަންކަން ހާމަކޮށްފައެއް ވެސް ނުވެ އެވެ. އިވޭހާ ވެސް އެއްޗަކީ، ހަމަ އެ ތަރުޖަމާނުގެ މޮޅެތި ވާހަކަތަކާއި، ފޮނި ބައިސާތަކެވެ. މަގުމަތީ ބަހުން ދަންނަވާނަމަ، އެންމެ ފަހު ވަގުތު ބޭލެނީ ހަމަ އެ ތަރުޖަމާނުގެ ސޯޓެވެ. ވާނީވެސް އެހެންތާ އެވެ. ތަރުޖަމާނު ވިދާޅުވާ ވާހަކަތައް ނޫސްވެރިން ރިޕޯޓުކޮށްފި ނަމަ، ޚުދު އިންތިޚާބީ ރައީސް ވެސް ނިކުންނަވާ މި ވިދާޅުވަނީ، ހޯ،ހޯ މާތް ކަލާކޯއޭ ތިމަން މަނިކުފާނު އެހެން ވިދާޅެއް ނުވަމެވެ. އެހެންވީއިރު، މި ނޫސްވެރިންގެ ބައްދަލުވުމަކީ ހަމައެކަނި ނަމެއްގައި ކޮށްލާ ކަމެއްބާއެވެ؟

ކަން މިހެން ހުރި އިރު، އާޚިރުގައި އިންތިޚާބީ ރައީސް ދައްކަވާ ވާހަކަފުޅުތައް ވެސް ދިމަލެއް ނުވެ އެވެ. އެއްވެސް ކަމެއް ސިއްރު ނުކުރައްވާ، ކަންކަން ހާމަ ކުރައްވާނެ ކަމަށް ވިދާޅުވި އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ވެސް އެ މަންޒަރެއް ނުފެނެ އެވެ. ސަރުކާރު ބަދަލުވާ މަރުޙަލާ އަކީ، ހިނގަމުންދާ ސަރުކާރުން ދެން އުފެދެން އަންނަ ސަރުކާރަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭނެ މަރުހަލާ އެކެވެ. މިހާރު ހިނގަމުންދާ ސަރުކާރުން އެކަންކަމުގައި ފުރިހަމަ އަށް އެއްބާރުލުން ދެމުން އަންނަ ކަމަށް، ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން ޢަބްދުއް ރަޙީމް ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅުން އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބި ވާހަކަ އާއި، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްބަަސްވުންތައް ރައީސް ޞާލިޙުގެ ސަރުކާރުން ހަދާފައިވާ ވާހަކަ އެެވެ. އެކަންކަމުގެ މައުލޫމާތު އެންމެ ފުރިހަމަ އަށް ހާމަކޮށްދޭނެ ކަމަށް ވެސް އިންތިޚާބީ ރައީސް ވިދާޅުވި އެވެ.

އެހެނެއްކަމަކު، އިންތިޚާބީ ރައީސް އަލް ޖަޒީރާ އަށް ދެއްވި އިންޓަވިޔު އިން ފެނުނީ ދިމާ އިދިކޮޅު މަންޒަރެކެވެ. ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދު އިންތިޚާބީ ރައީސަށް އެނގިވަޑައިނުގެންނެވި އެވެ. ކުރިން ވިދާޅުވަމުން އައީ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިންޑިއާ ސިފައިން ބޭރުކޮށްލާނެ ކަމަށެވެ. އެ އިންޓަވިޔުގައި މުޢިއްޒު ވިދާޅުވި ގޮތުން ރާއްޖޭގައި ސަތޭކައިން، ހާހުން އިންޑިއާ ސިފައިން ތިބި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވެ އެވެ. އަދި މުޢިއްޒު އުއްމީދު ކުރައްވަނީ އަސްލު އަދަދުތައް ވިއްސަށްވުރެ އިތުރު ނުވުން ކަމަށާއި، ވިދާޅުވީ އޭރުން ސިފައިން ފޮނުވާލަން ދަތިފުޅު ނުވާނެ ކަމަށެވެ. މިއީ ފާއިތުވި ދުވަސްތަކުގައި ދެއްކެވި ވާހަކަތުގެ ރާގު ވެސް މަޑުމަޑުން ބަދަލުވާންދާ ކަހަލަ މަންޒަރެކެވެ.

އަދި ވެރިކަމަށް ވަޑައިނުގަންވަަ އެވެ. ނަނާ ހުވަފެނުން ފެނުނު، ވެރިކަމުގެ ޝާނާއި، ޝައުގަތުން ހިތަށް ލިބުނު ތަސައްލީގައި، އަމިއްލަ މީހާ ކިޔުއްވިހާ ޅެމެއް ފަރިއްސަށް ބަދަލުވުމުގެ ކޮޅުމަތި މިއޮއް ފެންނަނީ އެވެ. އިހު ދެއްކި ވާހަކަތައް ވެސް، މަޑުމަޑުން ހަނދާނުން ފޮހެވިގެން ދަނީ އެވެ. މުޅި ކެމްޕެއިން އެއްކޮށް، އެކަމެއްގެ މައްޗަށް ބިނާ ކުރެއްވި، ރައީސް ޞާލިޙުގެ ސަރުކާރުން ކަންކަން ފޮރުވުމާއި، ރައްޔިތުންނަށް އޮޅުވާލުމާއި، ހާމަނުކުރުމުގެ ބަދަލުގައި، ކަންކަން ހާމަކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ވެސް، އޮޔާދާ ކަނދު ފައްޗެއްހެން މިއަދު ދަނީ އެވެ.

ކަން މިހެން އޮތް އިރު، ޑރ،މުޢިއްޒުގެ އަމަލުތައް މިހެން ހުރިއިރު، އުފެދެން އަންނަ ސަރުކާރުން ރައްޔިތުންނަށް ކަންކަން ހާމަ ކުރާނީ ކިހާ މިންވަރަކަށްބާއޭ ސުވާލު އުފެދެ އެވެ. މިހާރު ވެސް އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ފެންނަން އޮތީ ކަންކަން ސިއްރު ކުރުމުގެ އެޖެންޑާ އެކެވެ. މާޒީގައި ވެސް ކަންތައް ހިނގާފައި އޮތީ ހަމަ މި ބީދައިންނެވެ. ހަތް އަހަރު ދުވަސް ވަންދެން ރާއްޖޭގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ވެސް އޮތީ ސިއްރުން ކަންތައް ކުރުމުގެ އެޖެންޑާ އެކެވެ. އެއް ފުޅަށް މަތިން ފުންމާލި ބަކަށި، އަނެއް ފުޅަށް މަތިން ފުންމާލާނެއޭ މުސްކުޅިން ބުނެ އުޅެނީ، ގައިމު އޭގެ ފަހަތުގައި ހަގީގަތްތަކެއް ފޮރުވިފައިވާތީ ތާ އެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
16%
26%
0%
5%
16%
37%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!