ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 05:43
މިސްރާއި ޣައްޒާ ގުޅޭ ރަފަހް ބޯޑަރު ސަރަހައްދުގައި އެހީ ހިފައިގެން
މިސްރާއި ޣައްޒާ ގުޅޭ ރަފަހް ބޯޑަރު ސަރަހައްދުގައި އެހީ ހިފައިގެން
ރޮއިޓަރސް
ޣައްޒާއަށް އެހީ ފޯރުކޮށްދިނުން
ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުކުރު ދުވަހު ފެށޭނެ: ބައިޑަން
އިންސާނީ އެހީ ހިފައިގެން ދާ 20 ޓްރަކަށް ރަފަހް ބޯޑަރު ސަރަހައްދުން ޣައްޒާއަށް ވަދެވޭނެ
ޣައްޒާ އާއި މިސްރު ގުޅޭ ރަފަހް ބޯޑަރު ސަރަހައްދު ވަނީ އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ހަލާކުވެފައި

ހުކުރު ދުވަހު ޣައްޒާއަށް އެހީ ފޮނުވުމުގެ މަސައްކަތްފެށޭނެ ކަމަށް ބެލެވޭކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެއަރ ފޯރސް ވަން ގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ މިސްރާއި ޣައްޒާ ގުޅޭ ސަރަހައްދު މިސްރުން މަރާމާތުކުރަންޖެހޭކަމަށެވެ. މިސްރާއީ ޣައްޒާ ގުޅޭ ބޯޑަރ ސަރަހައްދުކަމުގައިވާ ރަފަހް ބޯޑަރ ސަރަހައްދަށް އިސްރާއީލުން ބޮމުގެ ހަމަލާތައް ދިނުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މުޅި ޣައްޒާ އެއްކޮށް ބަންދުކޮށްފައިވާއިރު ޣައްޒާއަށް ހަމައެކަނި ވަދެ ނިކުމެވޭ ގޮތަށް އޮތް ބޯޑަރަކީ ރަފަހް ބޯޑަރެވެ.

ބައިޑަން ވިދާޅުވީ އިންސާނީ އެހީ ހިފައިގެން ދާ 20 ޓްރަކަށް ރަފަހް ބޯޑަރު ސަރަހައްދުން ޣައްޒާއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދިނުމާއި ގުޅޭގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ އާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ. އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަމަށް ބައިޑަން ވިދާޅުވެފައި މިވަނީ އިސްރާއީލަށް ބައިޑަން ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ. އެދަތުރުފުޅުގައި އިސްރާއީލުން ވަނީ ޣައްޒާއަށް މިސްރުގެ މަގުން އެހީ ފޯރުކޮށްދިނުމަށް ހުރަސްނާޅާނެކަމަށް ބުނެފައެވެ.

ސީސީ ވަނީ ޣައްޒާ އާއި މިސްރާއި ގުޅޭ ބޯޑަރު ހުޅުވާނުލަނީ މިސްރުންކަމަށް ދައްކާ ވާހަކަތައް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ކުށްވެރިކުރައްވާފައެވެ. ސީސީ ވިދާޅުވީ އިސްރާއީލުން ރަފަހް ބޯޑަރަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި ބޯޑަރު ހުޅުވާނުލެވޭވަރަށް އެސަރަހައްދު ހަލާކުވެފައިވާކަމަށެވެ. މީގެއިތުރުން ޣައްޒާގެ ރައްޔިތުން މިސްރަށް ދިޔުމަށް އިސްރާއީލުން ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ސީސީ ވިދާޅުވީ އެކަންވެގެންދާނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނަށް ދުވަހަކުވެސް އަނބުރާ ނާދެވޭނެ ކަމެއްކަމަށެވެ.

ބައިޑަން ވަނީ ރަފަހް ބޯޑަރު ހުޅުވާލުމަށް މިސްރުން އެއްބަސްވުމުން އެކަމާ ސީސީއަށް ތައުރީފްކުރައްވާފައެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް އިސްވެ ހަމަލާދިނުމާއި ގުޅިގެން އިސްރާއީލުން ވަނީ ޣައްޒާ އެއްކޮށް ބަންދުކޮށް ހުރިހާ ބޯޑަރުތައްވެސް ބަންދުކޮށްފައެވެ. އަދި ޣައްޒާއަށް ފެނާއި ކަރަންޓު ދިނުން ހުއްޓާލާއި ތެޔޮ ފޯރުކޮށްދިނުންވެސް ހުއްޓާލާފައެވެ. އެހެންކަމުން ފާއިތުވި 12 ދުވަހު ޣައްޒާގެ 2.3 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން އެއްވެސް ވަރަކަށް ފޯރުކޮށްދެވިފައެއްނުވެއެވެ. އެކަމަށް އިސްރާއީލުން ހުރަސްއަޅަމުންދާތީ ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ ހަނގުރާމަ ހުއްޓާލާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

- ކޮމެންޓް