ކ. މާލެ
|
18 އޮކްޓޯބަރ 2023 | ބުދަ 14:27
މީކާއިލް ނަސީމް
މީކާއިލް ނަސީމް
ރައްޔިތުންގެ މަޖިލިސް
ދަރިމައިނުވުމުގެ މައްސަލަ
ދަރިމަައިނުވުމުގެ މައްސަލަތަކަށް އާސަންދައިން ދޭ ޚިދުމަތް ފުޅާކުރުމަށް ހުށަހެޅި ގަރާރު ފާސްކޮށްފި
މި ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ އައުލަބިއްޔަތުން
ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އިންތިހާއަށް ހަނިވެފައިވޭ
ދަރިމައިނުވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ފަސޭހައިން ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮސްދިނުމަށް ގަރާރުގައި ވަނީ އެދިފައި

ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުވަމުންދާތީ މި މައްސަލަ ތަހައްމަލު ކުރަން ޖެހިފައިވާ ރައްޔިތުންނަށް އާސަންދައިގެ ދަށުން ބޭސް ފަރުވާފެ ފުރުސަތު އިތުރަށް ފުޅާ ކުރުމަށް ބުނެ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކޮށްފި އެވެ.

ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ އައުލަބިއްޔަތުން ފާސްކުރި މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމު އެވެ. މި ގަރާރު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވަނީ މިއަދު އެވެ. އަދި މި ގަރާރުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި އެވެ.

މެންބަރު މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީންނާއި، އަދި އެ ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ އިޖްތިމާއީ ސިއްހީ އިންޝިއުރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކު، ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ.

އަދި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، އުމުރުގެ ގޮތުންނާއި، ދުޅަހެޔޮކަމުގެ ގޮތުން އާބާދީގެ ތަފާތު ގިންތިތަކުގެ މެދުގައި ރިސްކު ޕޫލްކޮށް، އެމީހެއްގެ އިގްތިސާދީ ހާލަތު ތަންދޭ މިންވަރަކުން ހިއްސާކުރާ ގައުމީ ނިޒާމު އިތުރަށް ފުޅާކޮށް، އެ ނިޒާމުގެ އިންސާފުވެރިކަން ކަށަވަރު ކުރުމަށް ގާނޫނުން ބާރުއަޅާ ކަމަށެވެ.

ރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތްގޮތުން، އެ ނިޒާމުގެ ދަށުން ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އިންތިހާއަށް ހަނިވެފައި، މި މައްސަލައަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވާއިދުން ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުނދަގޫތައް ހުންނަކަމަށް އެ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ. އަދި ދަރިމައިނުވުމުގެ މައްސަލައާއި ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސްވެސް ރާއްޖޭގެ އިޖްތިމާއީ އިންޝުއަރެންސްގެ ސްކީމް (އާސަންދަ) ގެ ދަށުން ނުލިބޭތީއާއި، ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައި، މި މައިގަނޑު މައްސަލައާއި ގުޅޭ އެއްވެސް ރަނގަޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ނެތް ކަމަށެވެ.

އަދި މި މައްސަލައަށް ހައްލެއް ގެނައުމަށް، މި މައްސަލައާއި ގުޅޭ ރަނގަޅު، ގައުމީ ފެންވަރުގެ ދިރާސާއެއް ހަދާ، ދަރިމައިނުވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ފަސޭހައިން ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮސްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުމަށް ގަރާރުގައި ބުނެފައިވެއެވެ.

އަދި ކުރިއަށް އޮތްތަނުގައި މި މައްސަލައަށް ބޭސްކުރަމުންދާ ފަރާތްތަކަށް ރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ސްކީމް (އާސަންދަ) ގެ ދަށުން ފޯރުކޮށްދެވޭނެ ހިދުމަތްތަކަކީ ކޮބައިތޯ ދެނެގަނެ، ހިދުމަތްތައް ފޯރުކޮށްދެވޭނެ ހަރުދަނާ އުސޫލެއް އަދި މިންގަނޑެއް ކަނޑައަޅައި މި މުހިންމު މައްސަލައަށް، ދިވެހިރާއްޖޭގެ އިގްތިސާދީ ފެންވަރާއި އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް ގޮވާލާ، ގަރާރު ހުށަހަޅާކަމަށް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް