އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންގްލެންޑުން މުބާރާތުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ ފަހަތުން އަރައި، 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އިޓަލީންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ ޖިއަންލޫކާ ސްކަމާކާ އެވެ. އޭނާ އެ ލަނޑު ޖެހީ ޖިއޮވާނީ ޑީ ލޮރެންޒޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑުން ނަތީޖާ ހަމަހަަމަ ކުރި އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ.
ދެ ވަނަ ހާފުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ 57 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑު އެވެ. އޭނާ އެ ލަނޑު ޖެހީ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އިންގެލެންޑުގެ ތިން ވަނަ ލަނޑު ކެޕްޓަން ކޭން ޖެހީ މެޗުގެ 77 ވަނަ މިނެޓުގަ އެވެ.
މިމޮޅާއެކު އިންގްލެންޑުން ޔޫރޯ އަށް ކޮލިފައިވީ ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މިހާތަނަށް ކުޅުނު ހަ މެޗުން އެ ޓީމަށް ލިބެނީ 16 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ޔޫކްރެއިން އަށް ލިބެނީ ހަތް މެޗުން 13 ޕޮއިންޓެވެ. ޔޫކްރެއިން އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިން ވަަަނައިގައި އިޓަލީ އަށް ލިބެނީ 10 ޕޮއިންޓެވެ.