ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓްވާން މަސައްކަތްކުރާ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ނިއުރޭޑިއަންޓުން ޕްރެކްޓިސް ފަށައިފިއެވެ.
ކޯޗު އަހުމަދު ނިމާދު (ނިމާ) ގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ފެށިއިރު ޓީމަށް ސޮއިކުރި ފުރަތަމަ ޑިވިޝަނަށް ކުރިން ކުޅުނު ކުޅުންތެރިން ބައިވެރިއެއް ނުވެއެވެ. ޕްރެކްޓިސް ފެށިއިރު ގިނައިން ތިބީ އާ ކުޅުންތެރިންތަކެކެވެ. ނިއުރޭޑިއަންޓުން މައުލޫމާތު ދިން ގޮތުގައި އެކުޅުންތެރިންނަކީ މޮޅު ކުޅުންތެރިންކަމަށް އެކި ފަރާތްތަކުން ދިން މައުލޫމާތުގެ އަލީގައި ގެނެސްފައިވާ ކުޅުންތެރިން ކަމަށެވެ. ސީނިއަރ ކުޅުންތެރިންގެ ތެރެއިން ޕްރެކްޓިސްގައި ބައިވެރިވީ ޕާކިސްތާން ކީޕަރު އަބުދުލް ބާސިތެވެ. މީގެއިތުރުން ޕްރެކްޓިސްގައި ބައިވެރި ނުވިނަމަވެސް މިޑްފީލްޑަރ ޔަސްފާދު ހަބީބު (މުލަކޭ) ޕްރެކްޓިސް ދަނޑަށްގޮސް ޓީމާއެކު ހުއްޓެވެ. ބިދޭސީ ހަ ކުޅުންތެރިން ސްކޮޑްގައި ހިމަނާފައި ވީނަމަވެސް އެހެން ކުޅުންތެރިން އަންނާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް ނިއުރޭޑިއަންޓުން މައުލޫމާތުދެއެވެ. ނިއުރޭޑިއަންޓަށް ސޮއިކުރި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު ދެވަނަ ޑިވިޝަންގައި އެޓީމްގައި މޮޅަށް ކުޅުނި ފޯވާޑް ކޯފީ ހިމެނެއެވެ.
ނިއުރޭޑިއަންޓްގެ ކޯޗު ނިމާ ބުނީ އޭނާއަށް އޮތް ޗެލެންޖަކީ އަދި ޓާސްކަކީވެސް ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނުން ކަމަށެވެ. އެކަމަކު ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނީ ކިތަން ޓީމްކަން ޔަޤީންކަމާއެކު ނޭންގޭކަމަށެވެ. އެކަން ރަސްމީކޮށް އެފްއޭއެމްއިން އަދި އިއުލާން ނުކުރެއެވެ.
ފަސްޓްގެ ލީގަށްވުރެ އެވްރެޖްކޮށް ސެކަންޑްގެ ގިނަ ޓީމްތައް ވަރުގަދަވެ ފޯރިގަދަވެގެންދާނެ. މުބާރާތުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނީ ކިތައް ޓީމްކަން ޔަޤީންކޮށް އަދިވެސް ނޭންގެ. މުބާރާތް ފަށާނެ ސީދާ ތާރީޚުވެސް ނޭންގޭ. ޓާގެޓަކީ އަދި ޗެލެންޖަކީވެސް ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނުން, އަމާޒަކީވެސް އެއީ.އަހުމަދު ނިމާދު/ ނިއުރޭޑިއަންޓް ކޯޗު
ނިއުރޭޑިއަންޓުން ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި އިޝާން މުޙައްމަދު (ސައްޓު), މިދުހަތު ފަހުމީ (ބިޗަޑް) ފުޓްސަލްގައި ފާހަގަކުރެވޭ އަހުމަދު އަޔާޒު (އަޔާ) އާއި, އަލީ އިފާޒު ހިމެނެއެވެ. އެކުޅުންތެރިން ވަރަށް އަވަހަށް ޕްރެކްޓިސްގައި ބައިވެރިވާނެކަމަށް ނިއުއިން މައުލޫމާތުދެއެވެ. ކޯޗިންގ ޓީމްގައި ނިމާގެ އެސިސްޓެންޓަކަށް މަސައްކަތްކުރަނީ ކުރިން ނިއުއަށްވެސް ކުޅުނު ފަރުހާދު އިސްމާއީލް (ފަރޭ) އެވެ.
ނިއުރޭޑިއަންޓަށްވުރެ ކުރިން ވިކްޓްރީން ވަނީ ޕްރެކްޓިސް ފަށާފައެވެ. މުބާރާތް ފަށާނީ ނޮވެމްބަރު މަހު ފަހުކޮޅުއެވެ.