ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުން، ޕޯޗުގަލް ބޮޑު މޮޅެއް ހޯދައިފި އެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗަށް ކުރިމަތިލީއިރު ވެސް، ޕޯޗުގަލް ވަނީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުން ޖާގަ ޔަގީންކޮށްފަ އެވެ. ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 5-0 އިންނެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ރޮނާލްޑޯ ޖެހި ލަނޑެކެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޕޯޗުގަލްގެ ދެ ވަނަ ލަނޑު ޖެހީ ވެސް ރޮނާލްޑޯ އެވެ. އެ ލަނޑު އޭނާ ޖެހީ ޒުވާން ކުޅުންތެރިޔާ ޔާއޯ ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަސް މިނެޓު ފަހުން ގޮންޒާލޯ އިނާސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. ޕޯޗުގަލްގެ ހަތަރު ވަނަ ލަނޑު 32 ވަނަ މިނެޓުގައި ޖެހީ ޔާއޯ ކަންސޭލޯ އެވެ. އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފެނާންޑޭސް އެވެ. ޕޯޗުގަލްގެ ފަހު ލަނޑު، 41 ވަނަ މިނެޓުގައި ފެލިކްސް ޖެހީ އޮޓާވިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތަށް ޕޯޗުގަލް ކޮލިފައިވީ ގްރޫޕް ޖީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގައި މިހާތަނަށް ޕޯޗުގަލް އިން އަށް މެޗު ކުޅެފައިވާއިރު، އެ ޓީމަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ސްލޮވޭކިއާ އަށް ލިބެނީ 16 ޕޮއިންޓެވެ. ޕޯޗުގަލް އިން ވަނީ 2016 ވަނަ އަހަރު ފްރާންސްގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.