އެމެރިކާގެ އިލިނޯއީގައި ފަލަސްތީނުގެ ހަ އަހަރުގެ ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފިއެވެ.
އިލިނޯއީ ފުލުހުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަދީ އަލް ފަޔޫމީ މަރާލާފައިވަނީ މުސްލިމަކަށްވާތީ، މުސްލިމުންނާ ދޭތެރޭ އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން އޭނާ ދިރިއުޅެމުން އައި އޭގެ ވެރި މީހާއެވެ. ވަދީ ގަޔަށް 26 ފަހަރު ވަޅި ހަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވަދީގެ އިތުރުން އޭނާގެ މަންމައަށް ވެސް ވަނީ ވަޅިން ހަމަލާދީފައެވެ. 32 އަހަރުގެ ހަނާން ޝާހިންއަށް ލިބުނު އަނިޔާތަކަށް އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 71 އަހަރުގެ ޖޯސެފް އެމް ޒޫބާއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އާއި އިތުރު ދެ ދައުވާއެކެވެ. އޭނާ އެ ދެމައިންނަށް ހަމަލާ ދިނީ މުސްލިމުންނަށް ވާތީ އާއި އިސްރާއީލާއި ހަމާސްއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ވަދީގެ މަންމަ އެމެރިކާއަށް ބަދަލުވީ މީގެ 12 އަހަރު ކުރިންނެވެ. ވަދީއަކީ އެމެރިކާއަށް އުފަން ކުއްޖެއް ކަމުން އޭނާއަކީ އެ ޤައުމުގެ ރަށްވެއްސެކެވެ.
ހޯމަ ދުވަހު އެމެރިކާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ގުޅިގެން ވަނީ ވަދީގެ ޖަނާޒާ ބާއްވާފައެވެ.