ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 17:35
ޣައްޒާއިން ފެނުނު އިސްރާއީލުގެ ހަތިޔާރު އެޅި ޓޭންކެއް
ޣައްޒާއިން ފެނުނު އިސްރާއީލުގެ ހަތިޔާރު އެޅި ޓޭންކެއް
ރޮއިޓާސް
އިޒްރޭލް - ފަލަސްތީނު
ޣައްޒާގެ ހަމަނުޖެހުންތަކުގެ ތެރެއަށް ލުބުނާނުގެ ހިޒްބުﷲ ނުވަނުމަށް އިޒްރޭލުން އިންޒާރުދީފި
ހިޒްބުﷲގެ ހަމަލާތަކަށް ގަދަކަމުން ރައްދު ދިނުމަށް އިޒްރޭލަށް ނުޖެއްސުމަށް، އިޒްރޭލުން ހިޒްބުﷲއަށް ވަނީ އިންޒާރުދީފައި

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް، ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއިން ނުވަނުމަށް އިޒްރޭލުން އިންޒާރު ދީފިއެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގައުމީ ސަލާމަތާބެހޭ އެޑްވައިޒަރު ޓްޒާޗީ ހަނެގްބީ ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަނަށް ސަމާލުކަން ދޭކަމަށާއި، ދެ "ފްރަންޓު"ގެ ހަނގުރާމައެއް ނުކުރުމަށް އެދޭކަމަށެވެ.

ހަނެގްބީ ވިދާޅުވީ ލުބުނާނުގެ ބޯޑަރު ހުރަސްކޮށް ހިޒްބުﷲއިން މިހާތަނަށް ކުރަމުން އަންނަ ނޭއްގާނީ އަމަލުތަކުގައި ކެތްތެރިކަން ދައްކާފައި ވާނެކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ އަމާޒަކީ ސަރަހައްދީ ހަމަނުޖެހުންތައް ފުޅާވިޔަ ނުދިނުން ކަމުގައެވެ.

ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައެއްގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމުގެ އިންޒާރު ހަނެގްބީ ދެއްވާފައިވާއިރު، މިސައިލް ހަތިޔާރު ފުޅާ ދާއިރާއެއްގައި އޮންނަ ހިޒްބުﷲގެ ހަމަލާތަކަށް ގަދަކަމުން ރައްދު ދިނުމަށް އިޒްރޭލަށް ނުޖެއްސުމަށް، އިޒްރޭލުން ހިޒްބުﷲއަށް ޒަމާނުއްސުރެ ދެމުން އަންނަ އިންޒާރުތަކަށް އޭނާ އިޝާރާތް ކުރެއްވިއެވެ.

އިސްރާއީލުގެ އޮފިޝަލް ވަނީ، ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ސަބަބުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ.

ހިޒްބުﷲގެ ހަމަލާގެ ކުރިން މިސްރުން އިންޒާރު ދިންކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް ހަނެގްބީ ދޮގުކުރެއްވި ނަމަވެސް، ހަމަލާގެ ކުރިން އިޒްރޭލުގެ ޝިން ބެޓްގެ ވެރިޔާއަށް އާދަޔާ ޚިލާފު އިންޓެލިޖެންސް ރިޕޯޓްތަކެއް ލިބިފައިވާކަން ވަނީ އޭނާ ކަށަވަރު ކޮށްދީފައެވެ. އެ މައުލޫމާތު ލިބުނު ނަމަވެސް އެއީ ސީރިއަސް އިންޒާރެއްގެ ގޮތުގައި އިޒްރޭލްގެ އަސްކަރިއްޔާއިން ބަލައިގެންފައެއް ނުވެއެވެ.

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކަށް އދ.އާއި އިންސާނީ އެހީދޭ ޖަމާއަތްތަކުން ހައްލު ހޯދުމަށް ގޮވާލަމުން އަންނައިރު، ހާލަތު އަދިވެސް އޮތީ ނުތަނަވަސްވެފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 2000ން މައްޗަށް އަރާފައެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް