ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 14:54
އިންޓައަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް
އިންޓައަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް
ގެޓީ އިމޭޖަސް
އިންޓަ މިލާން
މާޓިނޭޒްގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ފަށައިފި
 
އައު އެއްބަސްވުމުގައި މާޓިނޭޒް ވަރަށް އަވަހަށް ސޮއި ކުރާނެ

އިޓާލިއަން ލީގުގެ އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒްގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް އެ ކުލަބުން ފަށައިފި އެވެ.

މިކަން ހާމަކުރެއްވީ އިންޓަ މިލާންގެ ސިއީއޯ ބެޕޭ މަރޯޓާ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޓަ އިން މިހާރު އަންނަނީ މާޓިނޭޒް އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މާޓިނޭޒް، އިންޓަގެ ހުށަހެޅުން ޤަބޫލު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އައު އެއްބަސްވުމުގައި މާޓިނޭޒް ވަރަށް އަވަހަށް ސޮއި ކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަަށް ވެސް މަރޯޓާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާޓިނޭޒް އަކީ މިވަގުތު އިންޓަ ގައި އެ ޓީމަށް އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ހަމައެހެންމެ އެ ކުލަބުގެ މުސްތަޤުބަލަކީ ވެސް އޭނާ ކަމަށް މަރޯޓާ ވިދާޅުވި އެވެ. އިތުރަށް އޭނާ ވިދާޅުވީ މާޓިނޭޒްގެ އެއްބަސްވުން އައު ކުރުމަށް ކުލަބުގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ރޭސިން ކުލަބު ދޫކޮށް މާޓިނޭޒް އިންޓަ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެފަހަރު އެ ކުލަބާއެކު އޭނާ ސޮއި ކުރި ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ އަހަރު މާޓިނޭޒް ވަނީ އެ ކުލަބުގެ އެއްބަސްވުން އިތުރު ތިން އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން، މިހާރު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އިންޓަ އިން ބޭނުންވަނީ އެ އެއްބަސްވުން ދިގު މުއްދަތަކަށް ދަންމާލާށެވެ. ސަބަބަކީ އިންޓައިގައި މާޓިނޭޒް ދައްކަމުން އަންނަ ކުޅުމުގެ ސަބަބުންނެވެ.

މާޓިނޭޒް ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 248 މެޗުގައި 113 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އިޓާލިއަން ލީގު އެއް ފަހަރު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ކުޅެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް