ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލްގެ ބައެއް އުސޫލުތަކާމެދު އެ ކުލަބުގެ ކުޅުންތެރިންގެ މެދުގައި ދެބަސްވުން އުފެދިއްޖެ އެވެ.
ޖަރުމަނުގެ ނޫސްތަކުން ބުނާ ގޮތުގައި ޓުޗެލްއާ މެދު ބައެއް ކުޅުންތެރިން ހިތްހަމަނުޖެހޭ ދެތިން ކަމެއްވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ފުރަތަމަ 11 އިއުލާނުކުރުން ލަސްކުރުމެވެ. ޓުޗެލް އާއްމުކޮށް ފުރަތަމަ 11 އިއުލާނުކުރަނީ މެޗު ފަށަން ދެތިން ގަޑިއިރަށްވުމުންނެވެ. މިހެންވެ ކުޅުންތެރިންނަށް ތައްޔާރުވާން ދަތިވާ ކަމަށްވެ އެވެ.
ދެ ވަނަ ކަމަކީ އެކަށީގެންވާ ވަރަށް ކުޅުންތެރިންނާ މުއާމަލާތު ނުކުރުމެވެ. ހާއްސަކޮށް ވަން އޮން ވަންގައި ކުޅުންތެރިންނާ ގިނައިން ވާހަކަ ދައްކަނީ އޭނާގެ އެސިސްޓެންޓް ކޯޗެވެ. ތިން ވަނަ ކަމަކީ ޓީމުގެ ކުރިއެރާކަމަށް ކުޅުންތެރިން ގަބޫލު ނުކުރުމެވެ.
ބަޔާން ތެރޭގައި މައްސަލަ އުފެދިފައިވީ ނަމަވެސް ކުޅުންތެރިން ތޮށިގަނޑު ފަޅާލާފައި ނުކުތުމަށް ގަސްތުނުކުރެ އެވެ. ތޯމަސް މުލާ އާއި މަތިއަސް ޑިލިޓާއި ހޯޝުއާ ކިމިޗް ފަދަ ކުޅުންތެރިންނަކީ ޓުޗެލްގެ އުސޫލުތަކާމެދު މުޅިން ހިތްހަމަޖެހޭ ކުޅުންތެރިންނެއްނޫނެވެ. ނަމަވެސް އެމީހުން އިސްކުރަނީ މަސްލަހަތު ކަމަށްވެ އެވެ.
ބޮރޫޝިޔާ ޑޯޓްމުންޑާއި ޗެލްސީ އަދި ޕީއެސްޖީގެ ކުރީގެ ކޯޗު ބަޔާންއާ ހަވާލުވީ މިދިޔަ ސީޒަނުގެ ފަހުކޮޅު އެވެ. އެއީ ޖަރުމަނުގެ މިހާރުގެ ގައުމީ ކޯޗު ހޫލިއަން ނާގެލްސްމަން ވަކިކުރުމާއެކުގަ އެވެ. މިކަމާ ގުޅިގެން ބަޔާންގެ ޓީމު ދެ ކޯޗުންނަށް ބެހިގެންދިޔަ އެވެ. އެއް ބަޔަކު ތާއީދު ކުރީ ޓުޗެލް އަށެވެ. އަނެއް ބަޔަކު ނާގެލްސްމަނަށެވެ. ޖަރުމަނުގެ ނޫސްތަކުން ބުނާ ގޮތުގައި މި މައްސަލަ ބަޔާން ތެރޭގައި އަދިވެސް މުޅިން ހައްލެއްނުވެ އެވެ.