ޖިނާއީ ތަހުގީގެއް ފުލުހުން ކުރިއަށް ގެންދާތީ، އިޓަލީ ގައުމީ ޓީމުގެ ސްކޮޑުން ސަންޑްރޯ ޓޮނާލީ އަދި ނިކޮލޯ ޒަނިއޯލޯ އުނިކޮށްފިއެވެ.
އެކަން އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ޔަގީން ކޮށްދީފައެވެ. ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި މޯލްޓާއާއި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ކަވާސިއާނޯގައި ހުންނަ އަޒްޒޫރީގެ ޓްރެއިނިން ސެންޓަރުގައި އުޅެނިކޮށް ޓިއުރިން ޕްރޮސެކިއުޓަރުން ވަނީ އެ މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ކުޅުންތެރިންނަށް ވެސް ދީފައެވެ.
ޓޮނާލީއާއި ޒަނިއޯލޯގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޓީމުގެ ސްކޮޑު ދޫކޮށް، އެ ދެ ކުޅުންތެރިން ގެއަށް ދިއުމުގެ ހުއްދަ ދިނީ ކުރިއަށްހުރި މެޗުތަކާ ކުރިމަތިލާން އެ ދެ ކުޅުންތެރިން ރަނގަޅު ހާލަތެއްގައި ނެތްކަމަށް ފެޑެރޭޝަނުން ގަބޫލުކުރާތީ ކަމަށް އެ ފެޑެރޭޝަނުން ވަނީ ބުނެފައެވެ.
ޓޮނާލީއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭސީ މިލާން ދޫކޮށް ނިއުކާސަލަށް އޭނާ ބަދަލުވީ މިއަހަރުއެވެ. ޒަނިއޯލޯ އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށް ކުޅެމުންނެވެ.
މީގެ އިތުރުން އިޓަލީގެ އެހެން ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ނިކޮލޯ ފަޖިއޯލީއާ، ބެޓިންގެ އަމަލުތައް ހިންގިކަމަށް ބުނެ، ޓިއުރިންގެ ޕްރޮސެކިއުޓަރުން އަންނަނީ އޭނާއާ ދެކޮޅަށްވެސް ތަހުގީގެއް ހިންގަމުންނެވެ. ފުޓުބޯޅަ މެޗުތަކަށް ބެޓްކުރި ކުޅުންތެރިއަކު، މަދުވެގެން ތިން އަހަރަށް ސަސްޕެންޑުކޮށް، އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަންގެ ޤަވާއިދުގައި ވާގޮތުން މަދުވެގެން 25،000 ޔޫރޯ (26،520 ޑޮލަރު)ން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮވެއެވެ.